އޯޓިޒަމް ހުންނަ މީހުންނަށް ދޭ ބޭހެއް ކެއުމުން ޖިސްމާނީ ގޮތުން މީހަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި 8 ބިލިއަން ޑޮލަރު ދޭން ޖެހިއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބަދަލުގެ ގޮތުގައި 8 ބިލިއަން ޑޮލަރު ދޭން ޖެހުނީ އެމެރިކާގެ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާ ސިޓީގެ ނިކޮލަސް މުރޭ ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ އަށް އެ ފައިސާ ދޭން ޖެހުނީ، އޯޓިޒަމް ހުންނަ މީހުން ކާ ބޭހެއް ކެއުމުން އޭނާގެ މޭމަތި ބޮޑުވެފައިވާތީ އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޯންސަންސް އެންޑް ޖޯންސަންސްއާ ދެކޮޅަށް ފިލަޑެލްފިއާގެ ކޯޓަށް އޭނާ ހުށަހެޅި މައްސަލަ ކާމިޔާބުކޮށްގެންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޒުވާން އުމުރުގެ އެ ފިރިހެން މީހާގެ މޭމަތި ބޮޑުވެފައިވަނީ ރިސްޕާޑަލް ނަމަކަށް ކިޔާ ބޭހެއް ކެއުމުގެ ސަބަބުންނެވެ.

ޖިސްމާނީ ގޮތުން އޭނާއަށް ލިބުނު ގެއްލުމާ ގުޅިގެން ބަދަލު ހޯދައިދިނުމަށް އޭނާ ހުށަހެޅި އެ މައްސަލާގައި 8 ބިލިއަން ޑޮލަރު ދިނުމަށް ޖޯންސަންސް އެންޑް ޖޯންސަންސްގެ މައްޗަށް ކޯޓުން ހުކުމް ކުރި އިރު ހަމަ އެކަމާ ގުޅޭ އެހެން މައްސަލައެއްގައި އޭނާ ވަނީ ކޯޓު މެދުވެރުކޮށް ހަމަ އެކުންފުނިން 680،000 ޑޮލަރު ހޯދާފައެވެ.

ޖޯންސަންސް އެންޑް ޖޯންސަންސް އަކީ އެމެރިކާއަށް ނިސްބަތްވާ ފާމަސޫޓިކަލް އަދި މެޑިކަލް ޕްރޮޑަކްސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު