އަވަށްޓެރި އިންޑިޔާގައި ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ ކިރިޔާ ސަލާމަތްވެއްޖެއެވެ. މިކަން ހިނގާފައިވަނީ އެޤައުމުގެ އޮޑިޝާ ސްޓޭޓުގައެވެ.

އެޤައުމުގެ "އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި ރޭލުގެ ބުރެކިތައް ނުޖެއްސުމުގެ ސަބަބުން އިންޖީނަކާ ނުލާ، 10 ކިލޯމީޓަރުގެ ރާސްތާއަކަށް މި ރޭލު ދަތުރުކޮށްފައިވެއެވެ. އެހެންނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި، މިކަމުން ސަލާމަތްވީ ވަގުތު އޮއްވާ، އެހެން ރޭލު އޮފިޝަލުންތަކަށް ރޭލު ދަގަނޑު މަތީގައި ޖައްސާ ގައު ޖެއްސުމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ 10 ޖަހާކަށް ހާއިރު މިކަން ހިނގާފައުވާއިރު، މިކަމުގެ ސަބަބުން އެރޭލުގެ ބައެއް މަސައްކަތްތައް ކޮށްފައިވާ އަދި ރޭލުގެ ސަލާމަތީ ކަންކަން ޗެކުކޮށްފައިވާ މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްވެސް ކޮށްފައެވެ. ރޭލުވޭގެ މަސައްކަތްތަކާ ބެހޭ އިދާރާގެ ތަރުޖަމާނަކު މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރޭލު ހުއްޓުވުވާލާ، ދަތުރު ކުރިއަށް ގެންދިޔުމަށް އެސަރަޙައްދަށް ބެކް އަޕް ރޭލެއްވެސް ފޮނުވާލާފައިވާކަމަށެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަން ދިމާވެފައިވާ ރޭލަށް ކިޔާ ނަމަކީ އަހުމަދާބާދު-ޕޫރީ އެކްސްޕްރެސް އެވެ.

ރޭލު ދަތުރުފަތުރަކީ އިންޑިޔާގައި ވަރަށް އާއްމު ބާވަތެއްގެ ދަތުރުފަތުރަކަށްވާއިރު، ބައެއް މައްސަލަތައް ދިމާވުމުގެ ސަބަބުން ނުރައްކާތެރި ގިނަ ރޭލު އެކްސިޑެންޓަކެއްވެސް ހިނގާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު