އެމެރިކާގައި އުމުރުން 5 އަހަރުގެ އޯޓިސްޓިކް އަންހެން ކުއްޖެއްގެ އުފަންދުވަހަށް އަންނާނެ ބަޔަކު ނުވުމުން އޭނާގެ ބައްޕަ މޮޅު ކަމެއް ކޮށްފިއެވެ.

ރެމީ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ މައިންބަފައިން ވަނީ ރެމީ އަށް ޕާޓީ އެއް ބާއްވައި އެ ކުއްޖާގެ 10 ވަރަކަށް ކްލާސް ކުދިންނަށް ދައުވަތުދީފައެވެ. ނަމަވެސް، ރެމީގެ ޕާޓީ އަށް އެތަނުން އެކަކުވެސް އައިސްފައި ނުވާއިރު، 2 ކުއްޖެއްގެ މައިންބަފައިން ވަނީ އެމީހުންގެ ދަރިން ބަލިވެގެން ނާދެވޭނެ ކަމަށް ބުނެ އުޒުރު ދައްކާފައެވެ.

ރެމީ ޕާޓީގައި

މިއާއި އެކު ރެމީ ވަނީ އޭނާގެ މަންމަ ކައިރީ ކްލާސް ކުދިން ކޮބައިތޯ ސުވާލުވެސް ކޮށްފައެވެ. " ރެމީ ހުރީ އޭނާގެ ރައްޓެހިން އަންނާނެ ކަމަށް އުއްމީދު ކޮށްގެން. އޯޓިޒަމް ހުންނަ ކުދިންނަށް ފަހު ވަގުތު ކަމެއްގައި ބޮޑު ބަދަލެއް އައުމުން އެމީހުން ވަރަށް ދެރަވާނެ. އެ ކުދިން އަންނާނަމޭ ކިޔާފައި ނައުމުން ރެމީ ވަރަށް ދެރަވެފަ ހުރީ" ރެމީގެ މަންމަ ބުނިއެވެ.

ރެމީ ދެރަވެފައި ހުންނަތަން ބަލަން ކެތް ނުކުރެވިގެން އޭނާގެ ބައްޕަ ވަނީ މީސް މީޑިއާގައި ސްޓޭޓަސް އެއް ޖަހައި އެ ޕާޓީ އަށް އާދެވޭނެ މީހަކު ވިއްޔާ އައުމަށް އެދިފައެވެ. މިއާއިއެކު ރެމީ ނުދަންނަ މީހުންވެސް ވަނީ ޕާޓީ އަށް އައިސް އެ ކުއްޖާ އުފާ ކޮށްދީފައެވެ.

އޯޓިޒަމް ކުދިންނަށް ކުރާ ތަފާތުކުރުންތަކުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެއެވެ. މިއީ ކޮންމެ މީހަކުވެސް ވިސްނާލުން ރަނގަޅު ކަންކަމެވެ.