ނުރައްކާތެރި ޖަނަވާރު ހިފުމަށްޓަކައި ސަލާމަތީ ގޮތުން ބޭނުން ކުރަންޖެހޭ މުހިއްމު އާލަތްތަކެއް ހުރެއެވެ. އަދި އެކަމަށް ޚާއްސަ ތަމްރީންތަކެއްވެސް ހަދަން ޖެހެއެވެ. ނަމަވެސް އެއްވެސް ތަމްރީނެއް ނެތް މި ގްރޫޕުން ބޮޑު ކިނބުލެއް ހިފާފައި މިވަނީ ތުވާއްޔެއް ބޭނުން ކޮށްގެންނެވެ.

އެ މީހުން ކިނބޫ ހިފާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ކިނބުލުގެ ބޮޑުމިނުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުރެއެވެ. އެއީ ކޯސްޓަ ރީކާގެ ޑޮމިނިކަލް ބީޗުން ހިފި ކިނބުލެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކިނބޫ ހިފާފައިވަނީ ތިން މީހުންގެ ގްރޫޕަކުންނެވެ. އެ މީހުން ކިނބޫ ހިފުމަށް ބޭނުން ކުރި ތުވާލި އޮތީ ކިނބުލުގެ ބޯ މަތީގައި އަޅައި ކިނބުލަށް ނުފެންނަ ގޮތަށް ބާއްވާފައެވެ. ދެން ފެންނަނީ ކިނބުލުގެ އަނގަ ނުހުޅުވޭ ގޮތަށް ބަނދެލާ މަންޒަރެވެ.

މި ހާދިސާގައި އަތުލި ކިނބޫ ވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. އަދި ކިނބޫ މިހާރު އޮތީ ޗެކަޕް ކުރަންވެގެން ސްޕެޝަލިސްޓުންނާ ހަވާލުކޮށްފައި ކަމަށާއި އެ ކަންކަން ކުރުމަށްފަހު އަނެއްކާ އެ ކިނބޫ މޫދަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޯސްޓަ ރީކާގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ އައްސޭރި ފަށުން ކިނބުލާއި ކިނބޫ އާއިލާތަކުގެ ދިރުންތައް ފެންނަ މިންވަރު މިދިޔަ ދެ އަހަރު ތެރޭ ވަނީ 27 ޕަސެންޓު އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު