މީސްމީޑިއާގައި ބުޅަލެއް، ހިކެން ކުރާ މަސައްކަތް ދައްކާލުމުން މަޝްހޫރުވެ އެންމެންގެ ސަމާލުކަން ހޯދައިފިއެވެ.

"ސިންޑަބްލޮކް" ނަމަކަށް ކިޔާ މި ބުޅަލަކީ ބޮޑުކޮށް ފަލަކޮށް ހުންނަ ބުޅަލެކެވެ. އަދި އެހާވެސް ކަންނެތް ބުޅަލެއް ކަމަށް އޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ. ކުރާހާވެސް ކަމަކީ ކައިގެން ނިދުން ކަމަށް އޭނާ ބުންޏެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯ މީސްމީޑިއާގައި މީހުންގެ ސަމާލުކަން ހޯދާފައިވަނީ އެ ބުޅާ ހިކެންވެގެން ކުރާ މަސައްކަތުގެ ސަބަބުންނެވެ. އެ ބުޅާ ހިކެން މަސައްކަތް ކުރަނީ މުޅިންވެސް އާދަޔާ ހިލާފު ގޮތަކަށެވެ. ބުޅާ "ތްރެޑްމިލް" އެއްގެ މަތީ ކަންނެތް ގޮތަކަށް މަސައްކަތް ކުރަނީ އެންމެ ފަޔެއް ބޭނުން ކޮށްގެންނެވެ.

ބުޅާގެ ވެރިފަރާތުން ބުނެފައިވަނީ، އެ ބުޅަލަކީ 8 އަހަރުގެ ބުޅަލެއް ކަމަށާއި މިހާރުވެސް ބަރުދަނުގައި 11 ކިލޯ ހުންނަ ކަމަށެވެ. އަދި އެ ބުޅާ "ވެޓް" އަކާއި ހަވާލު ކޮށްފައިވަނީ ގެންގުޅެން އުނދަގު ވުމުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ ބުޅާ އެހާ ފަލަވެފައިވަނީ އޭނަގެ ސަބަބުން ކަމަށްވެސް އެއްވަސްވެފައެވެ. އޭނާ ބުނީ ބުޅާ ރޯ ކޮންމެ ފަހަރަކު ކާންދޭ ކަމަށެވެ.

"ވެޓް" އިން އެ ބުޅާ ވަނީ ތްރެޑްމިލް އެއް ހުންނަ ބިއްލޫރި ފޮއްޓަކަށް ލާފައެވެ. އެއީ އެބުޅާ ފޫހިވެގެންވެސް އެ ތްރެޑްމިލް އަށް އަރާ ހިނގަންފަށާނެ ކަމަށް ބަލާފައެވެ. އެހެން ނަމަވެސް ފެނިގެން ދަނީ މަންޒަރު މުޅިންވެސް އެހެން ގޮތަކަށެވެ. އެ ބުޅާ ތްރެޑްމިލްއަށް ހަތަރުސް ފަޔާ އެކު ނާރައެވެ. ތްރެޑްމިލްގައި ޖައްސަނީ ވެސް އެންމެ ފަޔެކެވެ.

https://www.facebook.com/watch/?v=942862712839651

ސިންޑަބްލޮކްގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވުމުން އެތަކެއް މިލިއަން މީހުންވަނީ އެ ވީޑިއޯ ބަލައި ޝެއާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު