ޗައިނާގެ ދެކުނުގެ ސަރަހައްދެއްގައި އޮންނަ ކޯރެއްގެ ތެރެއިން ފެނުނު މަހެއްގެ ބޯ އިންސާނެއްގެ މޫނާއި އެއްގޮތް ވުމުން ގިނަ ބައެއްގެ ސަމާލުކަން އެމަހަށް ލިބިއްޖެއެވެ.

މިމަސް ފެނިފައި ވަނީ ޗައިނާގެ ކުންމިންގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލް އަވަށެއް ކަމަށްވާ މިއާއޯ އިންނެވެ.

މަހުގެ ވީޑިއޯ ޗައިނާގެ މީސް މީޑިއާތަކުގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. މި މަހާއި ބެހޭ ގޮތުން ކޮމެންޓް ކުރި އެކަކު ބުނީ މަހުގެ މޫނުމަތިން ފެންނަނީ ބިރުވެރިކަން ކަމަށެވެ. އިތުރު މީހަކު ވަނީ އެމަހުގެ ބޯ އިންސާނެއްގެ މޫނާއި ވައްތަރުވެފައި ވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

ތަޖުރިބާކާރުންނާއި ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި މިއީ ވަކި އާދަޔާއި ހިލާފު ކަމެއް ހުރި މަހެއް ކަން ފާހަގައެއް ނުވެއެވެ. ޓައިވާނާއި އިނގިރޭސިވިލާތުން ވެސް ވަނީ މީގެ ކުރިން ވެސް އިންސާނުންގެ މޫނު ސިފަވާ ގޮތައް ހުންނަ ކާބް ފެނިފައި ކަމަށާއި މިއީ ވެސް އެފަދަ ކާބެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކާބްގެ ބޯ އިންސާނުންގެ މޫނާއި ބައެއް ފަހަރު ވައްތަރު ވަނީ ކީއްވެކަމެއް ސައިންސްވެރިންނަށް ވެސް އަދި ހޯދިފައެއް ނުވެއެވެ.

2010 ވަނަ އަހަރު އިނގިރޭސިވިލާތުން ފެނުނު ކާބެއް އިންސާނެއްގެ މޫނާއި ވައްތަރު ވުމުން އެމަސް ވަރަށް ބޮޑު އަގެއްގައި ވިއްކާލާފައި ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމަސް ވިއްކާލީ 40000 ޕައުންޑަށެވެ.

2011 ވަނަ އަހަރު ޓައިވާނުން ވެސް ވަނީ އިންސާނެއްގެ މޫނު ސިފަވާ ކާބެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު