ތޫނު އެއްޗެއް ބޭނުންކޮށްގެން އާސެނަލްގެ ތަރި، މެސުޓް އޮޒިލް އާއި ކޮލާސިނަޗްް އަތުން ފޭރެން އުޅުނު މީހާ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ދާދި ފަހުންނެވެ. އެ މީހާ އަށް ޖަލުގައި ހަމަލާދީފައި ވާއިރު އޭނާ ސަލާމަތަށް އެދި އާދޭސް ކުރާ ވީޑިއޯއެއް މިވަނީ އާއްމުވެފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އުތުރު ލަންޑަންގެ ސަރަޙައްދެއްގައި އޮޒިލް އާއި ކޮލާސިނަޗް އަތުން ފޭރެން މަސައްކަތް ކުރި އޭޝްލީ ސްމިތަށް ހަމަލާދީފައިވަނީ، ފޭރެން އުޅުމުގެ ކުށުގައި އޭނާ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލާފައި ވަނިކޮށެވެ. އޭޝްލީއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯކޮށްފައިވަނީ ޖަލަށް ވަގަށް އެތެރެކޮށްފައިވާ ފޯނަކުން ކަމަށް ބެލެވެއެވެ.

އެ ވީޑިއޯގައި ޖަލުގައި އޭނާ ހުރި ގޮޅީގައި ހުރި އެހެން ކުށްވެރިޔަކު އޭނާގެ މޫނުމަތީގައި ތަކުރާރުކޮށް ތަޅާ މަންޒަރު ފެނެއެވެ. އޭޝްލީ، އޭނާގެ މޫނު ސަލާމަތް ކުރެވޭތޯ ގޮޅިތެރެއަށް ވެއްޓިގެން، މޫނުމަތީގައި އަތްއަޅައިގެން އޮވެއެވެ. "އެއީ އަހަރެންނެއް ނޫން. ހުވާ މިކުރަނީ، އެއީ މަށެއް ނޫން. އަހަރެންނަށް ނުފެނޭ." އޭޝްލީ ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ވަރަށް ބޮޑަށް އަނިޔާކޮށްފައި، ލޭ ފައިބާފައި ހުރިތަން އެ ވީޑިއޯއިން ފެނެއެވެ.

ޖުލައި މަހުގެ ތެރޭގައި ލަންޑަންގެ ހެމްޕްސްޓިޑް ގައި އެމީހުންގެ 200،000 ޕައުންޑްގެ އަގުބޮޑު އަތުކުރީ ގަޑިތައް ފޭރެން މަސައްކަތް ކުރިއިރު، އޮޒިލް އާއި އޭނާގެ އަންހެނުން ތިބީ އެމީހުންގެ މާސެޑީޒް ކާރުތެރޭގައެވެ. ކޮލާސިނާޗް މަގުމަތީގައި ހުރިއިރު، އެއްވެސް ބިރެއް ނެތި އޭނާ ވަނީ އޭޝްލީ އާއި ކުރިމަތިލާފައެވެ. ތޫނު ވަޅިއެއް ބޭނުންކޮށްގެން އޭޝްލީ، ކޮލާސިނާޗްގެ ހަށިގަނޑަށް ހަމަލާދޭނެ ކަމަށް ބުނެ ބިރުދެއްކި ނަމަވެސް، ކޮލާސިނާޗް ވަނީ އޭނާ ފައްސާލާފައެވެ. ކޮލާސިނާޗްގެ ބިރުކުޑަ، ހިތްވަރަށް ވަރަށް ގިނަ ބައެއްގެ ތަޢުރީފް ލިބިފައެވެ.