އެމެރިކާއަށް އުފަން ބޮޑު ޕެންޑާއެއް ކަމުގައިވާ، 'ބެއި ބެއި' 16 ގަޑިއިރުގެ ދިގު ފްލައިޓް ދަތުރަކަށް ފަހު ޗައިނާ އަށް ގެނެސްފިއެވެ. އެ ޕެންޑާ ޗައިނާ އަށް ގެންގޮސްފައިވަނީ ޗައިނާގެ ވައިލްޑްލައިފް ކޮންޒަވޭޝަން އެސޯސިއޭޝަން އާއި އެއްކޮށް އެމެރިކާގެ ޒުލުން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ބެއި ބެއި ދަތުރުކޮށްފައިވަނީ އެ ދަތުރަށް ޚާއްސަކޮށްފައިވާ 'ޕެންޑާ އެކްސްޕްރެސް' ގެ ނަމުން ނަން ދީފައިވާ ބޮއިންގ777 އެފް މަރުކާގެ ކާރގޯ ފްލައިޓެއްގައެވެ. އެ ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ފެޑެކްސް ކުންފުނިންނެވެ. އެމެރިކާ އިން ޗައިނާގެ ދެކުނުގެ ސީޗުއާން ޕްރޮވިންސަށް ބެއި ބެއި ގެންދިޔުމަށް ކުރި ދަތުރަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެމެރިކާގެ ވޮޝިންގްޓަންގެ ޒުލުގައި ބެއި ބެއި ވިހޭއްސުރެން އޭނާ ބެލެހެއްޓި ލޯރީ ތޯމްޕްސަން ވެސް އެ ދަތުރުގައި ބައިވެރިވިއެވެ.

ޕެންޑާ އެކްސްޕްރެސް ގައި ޕެންޑާގެ ދަތުރުގެ ކެއުމަށް ޚާއްސަކޮށްގެން 70 ޕައުންޑުގެ އޮނާއި، އެހެނިހެން ހަދިޔާތައްވެސް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އާފަލާއި، ބިސްކޯދުވެސް ހިމެނެއެވެ. ޕެންޑާ ޗައިނާ އަށް ގެންގޮސް މިހާރު އޭތި ބަލަހައްޓަމުން ދަނީ ސީޗުއާން ޕްރޮވިންސުގެ ރިސާޗް ސެންޓަރެއްގެ ތެރޭގައެވެ. މިހާރު އުމުރުން 4 އަހަރުވެފައިވާ މި ޕެންޑާއަށް ދީފައިވާ މެންޑަރިން ނަމުން މާނަކުރެވެނީ، އަގުހުރި، ޖަވާހިރު އެވެ.

މިހާރު މުޅި ދުނިޔޭގައިވެސް އުޅެނީ 1800 އެއްހާ ޕެންޑާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެމެރިކާގެ ޤައުމީ ޒުލާއި އެއްކޮށް ޗައިނާގެ ޖަނަވާރުން ޙިމާޔަތް ކުރާ ޖަމިއްޔާ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ދުނިޔެއިން ނެތިދިޔުމުގެ ބިރު އޮތް ބައެއް ޖަނަވާރުތައް އެއް ޤައުމުން އަނެއް ޤައުމަށް ބަދަލް ކުރެއެވެ.

ޗައިނާ އިން ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް އެމީހުންގެ ޕެންޑާތަކަށް ވަކި މުއްދަތަކަށް ގެންގުޅުމުގެ ފުރުސަތު ދެމުންނެވެ.