ޕާކެއްގައި ބަލަހައްޓަމުން ދިޔަ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ޕެންޑާ މަރުވެއްޖެއެވެ.

''އާން އާން'' ނަމަކަށް ކިޔާ އެ ފިރިހެން ޕެންޑާ މަރުވެފައި ވަނީ ޗައިނާގެ ހޮންގކޮންގ އަވަށުގެ ތީމް ޕާކެއްގައި ގެންގުޅެމުން ދަނިކޮށެވެ. އާން މަރުވި އިރު އެސޮރުގެ އުމުރަކީ 35 އަހަރެވެ. އެއީ އިންސާނެއްގެ އުމުރުން ބަލާނަމަ 105 އަހަރެވެ.

''ބީބީސީ''ން ރިޕޯޓުކޮށްފައިވާ ގޮތުގައި އާން މަރުވެފައި ވަނީ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ. އެ ޕާކުގައި މަސައްކަތް ކުރާ މީހުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގި ފާއިތުވި ދެތިން ހަފްތާގައި އާންގެ ހާލު ވަނީ ދެރަވެފައެވެ.

އާންގެ ހާލު ދެރަވެ އެސޮރުގެ އެންމެ ފަހު ދުވަސްތައް ހޭދަކޮށްފައި ވަނީ އެއްވެސް ހަރު ކާއެއްޗެއް ނުކެވި ހަމައެކަނި ފެނާއި ''އިލެކްޓްރޮލައިޓް ބެވްރެޖް''ތަކުގެ ބާރުގައި ކަމަށް އެ ނޫހުން ވަނީ ޕާކުގައި އާން ބަލަހައްޓާ މީހުންނާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.

"އާން އާން އެ ދިޔައީ ފޮހެވިގެން ނުދާނެ އެތައް ހަނދާންތަކެއް ދޫކޮށްފައި. އެސޮރުގެ މަޖާކަމާއި ގާތްކަން އަބަދުވެސް ހަނދާން ހުންނާނެ" ތީމް ޕާކްގެ ޗެއާމަން ޕައޯލޯ ޕޮންގ ވަނީ ބުނެފައެވެ.

އާން އާން އާއި ޖިއާ ޖިއާ ނަމަކަށް ކިޔާ އެހެން ޕެންޑާއެއް އެ ޕާކަށް ހަދިޔާކޮށްފައި ވަނީ 1999 ވަނަ އަހަރު އެވެ. ޖިއާ މަރުވެފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭރު ޒޫގައި ބަލަހައްޓަމުން ދިޔަ އެންމެ ދުވަސްވީ އަންހެން ޕެންޑާއެވެ.