ބައެއް މީހުންނަކީ އެމީހުންގެ އުމުރަށް ވުރެ މާބޮޑަށް ވެސް އުމުރުން ހަގު ކަމަށް ފެންނަ ފެނުމަށް ހީވާ މީހުންނެވެ. އެފަދަ "ނަސީބެއް" ލިބުމަށް ކޮންމެ މީހަކު ވެސް އެދެއެވެ. ނަމަވެސް ކޮންމެ މީހަކީ އެފަދަ ނަސީބުވެރިޔަކަށް ނުވެއެވެ.

ފެންނަ ފެނުމަށް އުމުރަށް ވުރެ މާބޮޑަށް ހަގު ކަމަށް ފެނިގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އެކަކީ އިންޑޮނޭޝިއާގެ އުމުރުން 50 އަހަރުގެ އަންހެނެއް ކަމަށްވާ ލިއު ޔެލިން އެވެ. ކްއީން ޔެލިންގެ ނަމުގައި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ޔެލިން އަށް ފޮލޯ ކުރާ ބައިލައްކައެއްހައި މީހުން އެބަތިއްބެވެ.

ޔެލިންގެ އުމުރު ބުނުމުން އެއްވެސް މީހަކަށް އެކަން ގަބޫލު ކުރަން ފަސޭހައެއް ނުވެއެވެ. ޔެލިން ޒުވާން ކަމުން އެންމެން ވެސް ކުރާ ސުވާލަކީ އެހައި ޒުވާންކޮށް ހުރުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ.

ޔެލިން ބުނާ ގޮތުގައި އޭނާގެ ޒުވާންކަމުގެ ސިއްރަކީ ކޮންމެ ދުވަހަކު ފެތުމާއި، ގަވައިދުން ކަސްރަތު ކުރުމާއި، ސިއްހަތައް ފައިދާ ހުރި ކެއުންތައް ކެއުމާއި، ސިއްހަތައް ގެއްލުން ހުރި އާދަތަކާއި ދުރުވުން ކަމަށެވެ.

ޔެލިން އޭނާގެ 23 އަހަރުގެ ފިރިހެން ދަރިފުޅާއި އެކު ފެނުމުން ގިނަ މީހުން ހީކުރަނީ ޔެލިން އަކީ ކައިރީ ހުރި ޒުވާނާގެ ލޯބިވެރިޔާ ކަމަށެވެ.

ޔެލިން ބުނާ ގޮތުގައި އޭނާގެ އުއްމީދަކީ އުމުރުން 80 އަހަރު ވާއިރު ވެސް މިހާރު ހުރި ވަރަށް ރީތިކޮށް، ސްމާޓްކޮށް ހުރުމެވެ. އެއުއްމީދު ހާސިލް ކުރުމަށް އޭނާ މިހާރު ވެސް ގަވައިދުން ކަސްރަތު ކޮށް، އޭނާގެ އާދަތައް ހިފަހައްޓައެވެ.