ބައިނަލް އަގްވާމީ ޖައްވީ އިދާރާގައި މަސައްކަތް ކުރަމުން އަންނަ އެސްޓްރޮނޯޓުންގެ އެކަނިވެރިކަން ފިލުމަށް ރޮބޮޓެއް ޖައްވަށް ފޮނުވައިފިއެވެ.

ސައިމަން 2 ގެ ނަމުން ނަންދީފައިވާ މި ރޮބޮޓަކީ އާދަޔާ ހިލާފު ރޮބޮޓެކެވެ. މި ރޮބޮޓަކީ އާޓިފިޝަލް އިންޓެލިޖެންސާއި ވަޓްސަން ޓޯން ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާ އެސްޓްރޮނޯޓުންގެ އިހުސާސްތައް ދަންނަ ރޮބޮޓެކެވެ. އާއްމު ގޮތެއްގައި ޖައްވުގައި މަސައްކަތް ކުރަމުން އަންނަ އެސްޓްރޮނޯޓުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ އެކަނިވެރިކަމާއި ފޫހި ކަމެވެ.

އެސްޓްރޮނޯޓުންގެ މި ޝަކުވާއަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެއާބަސް ކުންފުނިން މީގެ ކުރިން 2018 ވަނަ އަހަރު ވަނީ "ސައިމަން" ގެ ނަމުން ނަން ދިފައިވާ ރޮބޮޓެއް ޖައްވަށް ފޮނުވާލާފައެވެ. މި މަސައްކަތް ހުއްޓާނުލާ މިހާރުވަނީ އެފަރާތްތަކުގެ އިހުސާސްތައް ދަންނަ ރޮބޮޓެއް ފޮނުވާފައެވެ.

އެއާބަސް އިން މި ރޮބޮޓް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖާމަން އެއިރޯ ސްޕޭސް ސެންޓަރާއެވެ. މި ރޮބޮޓް ޖައްވަށް ފޮނުވާލާފައިވަނީ ފްލޮރިޑާގައި ހުންނަ ކޭޕް ކެނަވެރަލް އެއާ ފޯސްގެ ސްޓޭޝަނުންނެވެ.

އެމެރިކާގެ އައިބީއެމް ކުންފުނިން ބުނެފައިވަނީ މި ރޮޮޓޮޓުގެ ސަބަބުން އެސްޓްރޮނޯޓުންނަށް ޖައްވުގެ ތެރޭގައި މަޖާކޮށްލެވޭނެ ކަމަށާއި އެއްވެސް ގޮތަކަށް އެފަރާތްތަކުން ފޫހި ވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. ވާހަކަ ދެއްވުމުގެ ހުނަރު ލިބިފައިވާ މި ރޮބޮޓަކީ ބަރުދަނުގައި 5 ކިލޯ ހުންނަ މޫނު މަތީގައި އުފާވެރިކަން ފެނިގެންދާ ރޮބޮޓެކެވެ.

އަދި މި ރޮބޮޓު ބޭނުން ކޮށްގެން ޖައްވުގައި ފިލްމު ބެލުމުގެ އިތުރުން ލަވަ އަޑުއެހުމުގެ ގާބިލުކަންވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު