ދެ ލޯބިވެރިންކަމުގައިވާ މެގަން ވެރިކަސް އަދި މެކް މެކްޑެނިއެލްސް މަރާލުމަށް ދެ މީހުންގެ ކުރީގެ ލޯބިވެރިން ގުޅިގެން ރާވަމުންދިޔަކަން ފަޅާއަރުވާލީ އާދަޔާޙިލާފް ގޮތަކަށެވެ. މި ދެ މީހުންގެ ކުރީގެ ލޯބިވެރިންކަމުގައިވާ ލިއޯން ޖޭކޮބް އަދި ވެލަރީ މެކްޑެނިއެލްސް ދިޔައީ "ހިޓްމޭން" އެއް ލައްވައި އެ ދެ މީހުން މެރުމަށް މަސައްކަތްކުރަމުންނެވެ. ފާހަގަކޮށްލެވޭ ވާހަކައަކީ ލިއޯން ޖޭކޮބް އަދި ވެލަރީ މެކްޑެނިއެލްސް އަކީވެސް ލޯބިވެރިންކަމެވެ.

ލިއޯން އަދި ވެލަރީ ވަނީ އެ ދެ މީހުންގެ ކުރީގެ ލޯބިވެރިން މެރުމަށް 'ހިޓްމޭން' އެއް ނުވަތަ މީހުން މަރައިދޭ މީހަކަށް 20،000 ޑޮލަރު އަދި ދެ ކާޓިއާރ ގަޑި ދީފައެވެ. އެހެންނަމަވެސް ވެލަރީ އަދި ލިއޯންއަށްވެސް ނޭނގޭކަމަކީ އެމީހުން ފައިސާދިން 'ހިޓްމެން' އަކީ އަސްލު ހަގީގަތުގައި ފުލުސް އޮފިސަރެއްކަމެވެ. އެ ފުލުސް މީހާ ވަނީ މެކަން ވެރިކަސް އަދި މެކް މެކްޑެނިއެލްސްއަށް އެމީހުންގެ ކުރީގެ ލޯބިވެރިންގެ ރޭވުންތަކުގެ މައުލޫމާތު ދީފައެވެ.

އެ ރޭވުން ފަޅާއެރުވުމަށްޓަކައި މެކް އަދި މެގަން ވަނީ އާދަޔާޙިލާފް އުކުޅެއް ބޭނުންކޮށްފައެވެ. އެމީހުން ވަނީ މެގަން ވަގަށްނަގައިގެން ޓޭޕުން އައްސާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެމީހުންގެ ކުރީގެ ލޯބިވެރިޔާއަށް 'ހިޓްމެން' ލައްވައި ފޮނުވައިފައެވެ. އަދި މެކްގެ ބޮލަށް ބަޑިޖަހައި މަރާލައިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވެސް ފޮނުވައިފައެވެ.

އެ ފޮޓޯތަކުގެ ފަހަތުގައި ވާ އަސްލު ހަގީގީ މަންޒަރު ލިއޯން އަދި ވެލަރީއަށްވެސް އެނގުނީ ފުލުހުން އެމީހުން ހައްޔަރުކުރުމަށް އައުމުންނެވެ. ލިއޯން އަދި ވެލަރީވެސް އެ މައްސަލައިގައި ހައްޔަރުކުރެވުނުއިރު ވެލަރީ ވަނީ އޭގެ ދުވަސްކޮޅެއްފަހުން އަމިއްލައަށް މަރުވެފައެވެ. ލިއޯން މިހާރު ދަނީ އޭނާގެ މައްސަލައިގައި ކޯޓުގެ އަޑުއެހުންތަކާއި ކުރިމަތިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު