މަރުވެފައިވާ މަންމަގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން ޕެންޝަން ފައިސާ ހޯދުމަށް، މަންމަގެ ހަށިގަނޑު ފްރިޖެއްގެ ތެރެއަށް ލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ އިރުމަތީގެ ވެސްޓް ބެންގަލް ސްޓޭޓުގެ އެންމެ ބޮޑު ކަލްކަތާ އިންނެވެ.

"އިންޑިޔަން އެކްސްޕްރެސް" ނޫހުން ބުނެފައިވާ ގޮތުގައި ބިނާ މަޒުމްދާރު ނަމަކަށް ކިޔާ މި އަންހެން މީހާގެ ހަށިގަނޑު ފްރިޖެއްގެ ތެރޭގައި ބާއްވާފައި އޮންނަތާ ތިން އަހަރުވަނީ ވެފައެވެ. އަދި، މިހާތަނަށް ބެލި ބެލުންތަކުން 87 އަހަރުގެ މި މީހާ މަރުވެފައިވަނީ ހާޓް އެޓޭކެއްގެ ސަބަބުންކަންވެސް ހޯދިފައިވާކަމަށްވަނީ ބުނެފައެވެ.

ފުލުހުން ބަލާފައިވާ އިތުރުން ބެލުންތަކުން ދައްކާ ގޮތުގައި ގޭގައި މަރުވެފައިވާ މަންމަ ހަށިގަނޑު ގެންގުޅުނު މީހާއަކީ ނަފްސާނީ ގޮތުން އެންމެ ރަނގަޅު މީހެއްވެސް ނޫނެވެ.

މިގޮތަށް މިކަން ހިނގަމުންދާކަމަށް މި ފިރިހެން މީހާގެ ބައްޕަ އަދި މަރުވެފައިވާ އަންހެން މީހާގެ ފިރިމީހާއަށްވެސް އެނގޭކަމަށްވެއެވެ. މަރުވެފައިވާ މީހާގެ ފިރިމީހާއަށް މިހާރު 90 އަހަރުވެފައިވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ޕެންޝަން ފައިސާ އާއި އިންޝްއަރެންސް ފައިސާ ހޯދަން ދަރިން އެމީހުންގެ މައިންބަފައިން އަދި ފިރިން ނުވަތަ އަނބިން އެމީހުންގެ ހަޔާތުގެ ބައިވެރިޔާ މަރާލުމަކީ ވަރަށް އާއްމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް އޭޝިއާގެ ގައުމުތަކުގައި މިއީ އެހައި އާއްމު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު