ހެޔޮ ކަމެއްގެ ބަދަލުގައި ލިބުނީ ތެޔޮ ހަމެއް ކަމަށް ބުނުމަކީ ވަރަށް ކުރިއްސުރެ ދިވެހިންގެ ތެރޭގައި ބުނެ އުޅޭ ވާހަކައެކެވެ. މިހެން ބުނެއުޅެނީ ހެޔޮކަމެއް ކޮށްދިނުމުން އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދެރައެއް ދިނުމަށް އުޅުމުންނެވެ.

މިފަހަރު އެމެރިކާގެ އަންހެނަކަށް ވެސް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. އެމެރިކާގެ ނަރުހަކު މީގެ 18 އަހަރު ކުރިން ހޮސްޕިޓަލަކުން ކުއްޖަކު "ވަގަށް ނަގައިގެން" އެކުއްޖާ ބަލައި ބޮޑު ކުރި ފަހުން އެ ނަރުސް ކުރީ ކުށެއް ކަމަށް ކޯޓުން ނިންމައިފިއެވެ.

އުފަންވިތާ މާގިނަ އިރުތަކެއް ނުވެ އޮތް އަންހެން ކުއްޖަކު ނަގައިގެން ގެއަށް ގެންދިޔައީ ގްލޯރިއާ ވިލިއަމްސް ކިޔާ އަންހެނެކެވެ. އޭނާ އެކުއްޖާ ވަގަށް ނެގީ ކުއްޖާ ބަލަހައްޓާނެ މީހަކު ނެތިފައި އޮއްވައެވެ. ކުއްޖާގެ މަންމަ އަކީ ވެސް ކުއްޖާ ބެލެހެއްޓޭ ވަރުގެ ގާބިލް ކަމެއް ހުރި މީހެއް ނޫނެވެ. ނަމަވެސް ގްލޯރިއާ އެކުއްޖާ ނެގީ ކުއްޖާގެ މަންމަ އަށް ވެސް ނޭނގި އެވެ.

ގްލޯރިއާ ކުއްޖާ ވަގަށް ނެގީ އޮންނަ އުސޫލުގެ ދަށުން ކުއްޖާ އެޑޮޕްޓް ކުރުމަކީ ދިގު މަރުހަލާތަކެއް ކަޑައްތުކޮށް ގިނަ ދުވަސްތަކެއް ވެސް އެކަމުގައި ހޭދަވާނެ ކަމަކަށް ވާތީއެވެ.

އެކުއްޖާ ގެއަށް ގެންގޮސް ވަރަށް ރަނގަޅަށް ބަލައި ބޮޑުކޮށް ކުއްޖާ އަށް 18 އަހަރުވި ފަހުން ގްލޯރިއާގެ މައްސަލަ ޕްރޮސެކިއުޓަރުން ތަޙްޤީޤުކޮށް މިހާރު ވަނީ އޭނާ ކުރީ ކުށެއް ކަމަށް ކޯޓުން ނިންމާފައެވެ. ނަމަވެސް މިމައްސަލައިގައި ޙުކުމް އިއްވާނީ މޭ މަހު އެވެ. ގްލޯރިއާގެ މައްޗަށް މިމައްސަލައިގައި 22 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަމްދީ

    ކުރޮޅި ވިދާޅުވަނީ ކީކޭ ބާ؟