ބޮލީވުޑްގެ ފިލްމު "ކުއަންޓިކޯ"ގެ ރޯލަކުން ފެނިގެންދާ ކުޅަދާނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕް އަނެއްކާވެސް އައު ފިލްމެއްގެ މަސައްކަތާއި ހަވާލު ވެއްޖެއެވެ. މިފަހަރު ސަލްމާން ޚާން އާއިއެކު ޕްރިޔަންކާ ފެނިގެންދާނީ އަލީ އައްބާސް ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ބަރަޓް"އިން ކަމަށް ޚަބަރުތައް ބުނެއެވެ.

2004 ވަނަ އަހަރުން ފެށިގެން ދޭތެރެ ދޭތެރެއިން ސަލްމާން ޚާން އާއި ޕްރިޔަންކާ އެއްކޮށް ފިލްމުތަކުގައި މަސައްކަތް ކޮށްފައި ވީ ނަމަވެސް، އެންމެފަހުން މި ދެ ފަންނާނުން ފިލްމަކުން ފެނިގެން ގޮސްފައިވަނީ 2016 ވަނަ އަހަރުގައިއެވެ.

"އަނެއްކާވެސް ދުވަސްތަކަކަށްފަހު ސަލްމާނާއި އެކީ މަސައްކަތް ކުރެވޭތީ ވަރަށް އުފާވޭ. ކުރިންވެސް އެއްކޮށް މަސައްކަތްކުރިއިރު ބައިވަރު ކަންތައްތަކެއް ވަނީ ދަސްވެފައި. އެގޮތަށް މިފަހަރުވެސް އައު ތަޖްރިބާއެއް ކުރެވޭނެ ކަމަށް އުންމީދު މި ކުރަނީ" ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

"މި ފިލްމަށް ބޭނުންވަނީ ވަރަށް ކުޅަދާނަ ވަރަށް މޮޅު ލީޑް އަންހެން ތަރިއެއް. ޕްރިޔަންކާ އަކީ މި ރޯލަށް ފެތޭ ހުނަރުވެރިއެއް" ސަލްމާން ވެސް މީޑިއާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

"ބަރަޓް" ގެ ތައްޔާރީތައް މިހާރު ލަންޑަނުގައި ފަށައިފައިވާ ކަމަށްވެސް ފިލްމުގެ ޑައިރެކްޓަރު ޒަފަރު ވަނީ އޭނާ ކުރި ޓުވީޓެއްގައި ބުނެފައެވެ. އަދި ފުރަތަމަ ދުވަހުގެ ޝޫޓިންގެ ފޮޓޯއެއް ވެސް އޭނާ ވަނީ މީސްމީޑިއާގައި ޝެއާ ކޮށްފައެވެ.

ސަލްމާން ޚާން އާއި ޕްރިޔަންކާ އެއްކޮށް ފެނިގެންދާ މި ފިލްމުގެ އިންތިޒާރުގައި އެ ދެމީހުންގެ ފޭނުން މިހާރުވެސް ތިބީ ވަގުތުތައް ގުނާލަ ގުނާލާކަމަށް ރިޕޯޓްތައް ބުނެއެވެ.