ޓެސްޓް ޕޭޕަރު ކޮޕީ ކުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ހުނަރުތައް ބޭނުން ކުރެއެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރައިގެން ގޮސްފައި ވާއިރު މިހާރު ޓެސްޓް ޕޭޕަރު ކޮޕީ ކުރުމުގައި ވެސް މިދަނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ.

ނަމަވެސް ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ. ވަގު ކަލޭގެ ވެސް ކޮންމެވެސް ދުވަހަކުން ފަޅައި އަރާނެއެވެ. މިފަހަރު މިއޮތީ ވަރަށް މޮޅަށް ޓެސްޓް ޕޭޕަރު ކޮޕީ ކުރަން އުޅެނިކޮށް އެކަން ބޭޒާރުވެފައެވެ.

ސިންގަޕޫރުގައި ޗައިނާގެ ހަ ދަރިވަރަކަށް ޓެސްޓް ޕޭޕަރު ކޮޕީ ކޮށްދިނުމުގައި އެހީތެރިވީ ސިންގަޕޫރު މީހެކެވެ. އޭނާ އަކީ ސިންގަޕޫރުގެ ޕޮލިޓެކްނިކް އިމްތިހާނެއްގައި ބައިވެރިވާ ދަރިވަރުންނަށް ޓެސްޓް ޕޭޕަރު ކޮޕީ ކުރުމުގެ ކަންކަން ކޮށްދޭ މީހެކެވެ.

އުމުރުން 32 އަހަރުގެ ޓަން ޖިއާ ޔަން ވަނީ ޕޭޕަރު ކޮޕީ ކުރުމަށްޓަކައި ދަރިވަރުންގެ ހަންގަނޑާއި އެއް ކުލައިގެ ހެޑްސެޓް އެކުދިންގެ ކަންފަތުގައި ހަރުކޮށްދިނުމަށް ފަހު އިމްތިހާން ހޯލަށް އެކުދިން ވައްދާފައެވެ. އަދި ބަލާބެލުމަށް ނޭނގޭނެ ގޮތައް ވީޑިއޯ ކޯލް ކުރެވޭނެ ގޮތް ވެސް އޭނާ ވަނީ ހަދާފައެވެ. އޭނާ މިކަން ކުރަނީ ކޮންމެ މީހެއްގެ އަތުން 535 އެމެރިކާ ޑޮލަރު ނަގައިގެންނެވެ.

އިމްތިހާން ހޯލަށް ވަނުމަށް ފަހު ދަރިވަރުން ޖެހެނީ ޓަން އަށް ވީޑިއޯ ކޯލެއް ކުރާށެވެ. ކެމެރާ އިންނަނީ ދަރިވަރުގެ މޭމަތީގައި ހަރުކޮށްފައެވެ. އެހެންކަމުން ޓަން އަށް އިމްތިހާން ޕޭޕަރު ފެންނާނެއެވެ. ދަރިވަރަށް އިމްތިހާންގެ ސުވާލުތަކުގެ ޖަވާބު ޓަން ކިޔައި ދެމުން ދާއިރު ދަރިވަރު އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހޭނެއެވެ. އެހެންކަމުން އިމްތިހާން ހޯލްގައި ތިބޭ މީހުންނަށް ދަރިވަރާއި މެދު ޝައްކެއް ކުރުމުގެ ފުރުސަތެއް ނޯވެއެވެ.

ޓަން މިކަން ކުރަމުން އަންނަ ކަން ދެނެގަތީ ކިހިނެއް ކަމެއް ސިންގަޕޫރުގެ މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ.

ޓަން ޖިއާ އެންމެ ފަހުން ބޭޒާރުވެ އޭނާގެ މައްޗަސް އުފުލި 27 ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ހޯމަ ދުވަހު ނިންމާފައެވެ. ނަމަވެސް އޭނާގެ މައްޗަށް އަދި އަދަބު ކަނޑައެއެއް ނާޅައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓަން އަށް ތިން އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމަކާއި ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ޖޫރިމަނާ ނައިހެއް ނުދާނެ. ސިންގަޕޫރެއްނު.....؟؟؟؟

  2. ތަކުރުފާނު

    ހެޔޮނުވާނެ ޓެސްޓު ޕޭޕަރު ކޮޕީކުރުމުގެ ބަލަދުގައި ރަނގަޅަށް ފިލާވަޅާއި ޓީޗަރު ކުލާހުގައި ކިޔައިދޭ ތަކެތި އަޑުއަހާ