ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ޗައިނާގެ ވޫހާންގައި ތިބި ކެނެޑާ މީހުން ގައުމަށް ގެންގޮސްފައި ވާއިރު އެސިޓީގައި ހުރި ކެނެޑާ އަންހެނަކު ގައުމަށް ދާން ދެކޮޅު ހަދައިފިއެވެ.

ކްރިސްޓީނާ ޝަރަމްކޯ ގައުމަށް ދާން ދެކޮޅު ހަދާފައި ވަނީ ކެނެޑާ އަށް ދަތުރު ކުރާއިރު އޭނާ ގެންގުޅޭ ބުޅާ ނުގެންދެވޭނެ ކަމަށް ކެނެޑާގެ އޮފިޝަލުން ވިދާޅުވުމުންނެވެ.

ވޫހާންގެ ދިރިއުޅުން އޭނާ އަށް ވެސް ފަސޭހައެއް ނޫނެވެ. ކޮންމެހެން ދިރިއުޅުމަށް ބޭނުންވާ ސާމާނު ގަންނަން ސްޕަމާކެޓް ތަކަށް ދާން ޖެހެއެވެ. ނަމަވެސް ސްޕަމާކެޓަކަށް ވަދެވެނީވެސް ހުން ޗެކް ކުރުމަށް ފަހު އެވެ. އަބަދު އުޅެން ޖެހެނީ މާސްކް އަޅައިގެންނެވެ.

ނަމަވެސް މިހުރިހާ އުނދަގުލަކަށް ވުރެ ވެސް ބޮޑު ބިރުވެރިކަމަކީ ކޮވިޑް-19 ޖެހުމުގެ ބިރުވެރިކަމެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް ނުރައްކާ ވަރަށް ބޮޑެވެ.

ފެޝަން މާކެޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރަމުން އަންނަ ކްރިސްޓީނާ ބުނީ ވޫހާން ކަރަންޓީން ކުރިއިރު އޭނާގެ ލޯބިވެރިޔާ ވެސް ހުރީ ވިޔަފާރި ދަތުރެއްގައި ވޫހާން އިން ބޭރުގައި ކަމަށާއި މިހާރު ވޫހާނަށް ދަތުރު ކުރެވޭ ހުރިހާ މަގެއް ބަންދުކޮށްފައި އޮތުމުން ލޯބިވެރިޔާ އަށް ވެސް ވޫހާނަށް އާދަވޭނެ ގޮތެއް ނެތް ކަމަށެވެ.

"ނަމަވެސް އަހަރެން ބޭނުމެއް ނޫން އަހަރެންގެ ބުޅާ ކިޓިޔާ ދޫކޮށްލާފައި ދާކަށް." އޭނާ ބުންޏެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ޖަނަވަރީ 23 ވަނަ ދުވަހު ވޫހާން ވަނީ ކަރަންޓީން ކޮށްފައެވެ. އޭގެ ފަހުން 11 މިލިއަން މީހުން ވަނީ ސިޓީގެ ތެރޭގައި ތާށިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު