ދެކުނު އެމެރިކާގެ ދެ ގައުމެއްކަމުގައިވާ އެލް ސަލްވަޑޯއާއި ހޮންޑިއުރަސްއާއި ދެމެދުގައި 1969 ވަނަ އަހަރު ހަނގުރާމައެއް ފެށިގެންދިޔައީ ފުޓުބޯޅައިގެ ސަބަބުންނެވެ. އެގޮތުން އެ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެންވެސް އެކި އެކި މައްސަލަތަށް އުފެދިފައިވާއިރު އެލް ސަލްވަޑޯއިން ހޮންޑިއުރަސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހަމަލާދިނީ ފުޓުބޯޅަ މެޗެއްގެ ސަބަބުންނެވެ.

ހޮންޑިއުރަސްއަކީ ބިމުގެ ގޮތުން އެލް ސަލްވަޑޯއަށްވުރެ ތަނަވަސް ގައުމެކެވެ. އެހެންނަމަވެސް އެލް ސަލްވަޑޯއަކީ އާބާދީގެގޮތުން ހޮންޑިއުރަސްއަށްވުރެ ބޮޑު ގައުމެކެވެ. ހޮންޑިއުރަސްގެ ސަރުކާރުން އެގައުމުގެ ސަރަހައްދުގެ ތެރޭގައި ތިބި ނިކަމެތި އެލް ސަލްވަޑޯގެ ރައްޔިތުންގެ އަތުން ބިން ގަދަކަމުން އަތުލައި ހޮންޑިއުރަސްގެ މުއްސަނދި ބައެއް ރައްޔިތުންނަށް އެ ބިން ދެމުންދިޔުމުގެ ސަބަބުން އެލް ސަލްވަޑޯގެ ރައްޔިތުންގެ މެދުގައި އޭރު ހޮންޑިއުރަސްއާއި ދެކޮޅަށް ވަނީ ވަރަށް ބޮޑަށް ނަފްރަތު އުފެދިފައެވެ.

އެ މައްސަލައިގައި މަސްލަހަތު ގޯސްވެފައި އޮތްގޮތަށް ދެން ފެނިގެންދިޔައީ ދެ ގައުމުވެސް ބޯލްޑް ކަޕަށް ކޮލިފައިވިތަނެވެ. އެއާއިއެކު އެދުވަސްވަރުގެ ވޯލްޑް ކަޕަށް ދެ ގައުމުވެސް ކޮލިފައިވުމުގެ އުފަލުގައި ދެ ގައުމުންވެސް ނިންމީ އެކުވެރިކަމުގެ ތިން މެޗު ކުޅުމަށެވެ. ތިން މެޗުގެ ތެރެއިން ކޮންމެ މެޗެއްގައިވެސް ވަނީ އެއް ޓީމުގެ ސަޕޯޓަރުން އަނެއް ޓީމުގެ ސަޕޯޓަރުންނަށް މަލާމާތް ރައްދުވާފަދަ ގޮތަކަށް މުއާމަލާތްކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ.

އެއާއިއެކު މައްސަލަ ހައްލުނުކުރެވިގެން އުޅެނިކޮށް ދެން ފެނިގެންދިޔައީ ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ އިއުލާންކުރެވިގެންދިޔަ ތަނެވެ. އެލް ސަލްވަޑޯއިން ހަނގުރާމަ އިއުލާންކުރިއިރު އޭގެ މަދު ހަފްތާތަކެއްފަހުން އެ ގައުމުން ވަނީ ހޮންޑިއުރަސްއަށް އަރައިގަނެފައެވެ. ހަތަރު ދުވަސްވަންދެން ހިނގައިދިޔަ އެ ހަނގުރާމަ ނިމިގެންދިޔައީ ދެ ގައުމުގެ ދެމެދުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންނެވެ. އެ ހަނގުރާމައިން ދެ ގައުމަށްވެސް ފައިދާއެއް ނުލިބުނުއިރު އެ ހަނގުރާމައަށް ދެވިފައި އޮންނަ ނަމަކީ 'ސަތޭކަ ގަޑިއިރުގެ ހަނގުރާމަ'އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާއިން

    އިޓްސް ގޯލޑް ކަޕް ނޮޓް ބޯލްޑް