ކަސޯޓީ ޒިންދަގީކޭ 2 އަށް ބަޖާޖް (ކަރަން ސިންގ ގްރޯވާ) ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

އެކްތާ ކަޕޫރްގެ ކާމިޔާބު ސީރީޒް ކަސޯޓީ ޒިންދަގީކޭގެ ސީކުއެލް އެއް ގޮތަށް ގެންދާ ކަަސޯޓީ ޒިންދަގީކޭ 2 ގެ ރޯލުތަކުގެ ނަންތަކާއި އަވަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ވެސް އެއްގޮތެވެ. ނަމަވެސް މި ފަހަރު ސީރީޒް އަށް އާންމުންގެ ސަމާލުކަން ހޯދަން އެތައް ބައިވަރު ޓްވިސްޓްތަކެއް ގެނެސްގެން ވެސް އެކްތާއަށް ވަނީ ޝޯގެ ޓީއާރްޕީ ހިފެހެއްޓުމަށް ނުކުޅެދިފައެވެ.

ސްޓާ ޕްލަސްގެ އެންމެ މަޝްޙޫރު އެއް ޑްރާމާ ސިލްސިލާ، "ކަސޯޓީ ޒިންދަގީ ކޭ" ގެ މަޝްހޫރު ބަތަލު، ކަރަން ސިންގް އެ ސިލްސިލާ ދޫކޮށްލީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ.

ކަރަން ސިންގް އަކީ ގިނަ ޓީވީ ޝޯތަކުން އާއްމުންގެ މަޝްހޫރުކަން ހޯދާފައިވާ ތަރިއަކަށްވީ ނަމަވެސް، ކަސޯޓީގައި މި ފަހަރު އޭނާ އުންމީދު ކުރި ކަހަލަ އެކްޓިންއެއް އޭނާ އަކަށް ނުދެއްކުނެވެ.
ދުވަސްކޮޅަކަށް ޓީވީ ސްކްރީނާއި ދުރުގައި ހުރުމަށް ފަހު ކަސޯޓީ މެދުވެރިކޮށް އެނބުރި އައުމަށް އުންމީދު ކުރި ކަރަން އަށް ކަސޯޓީވީ ބޮޑު ޗެލެންޗަކަށެވެ.
ކަސޯޓީ ޒިންދަގީ ކޭ ގެ ސްކްރިޕްޓު އޮންނަ ގޮތުން އެ ސިލްސިލާ މުޅިން ކަހަލަ ގޮތަކަށް އެނބުރެނީ އެ ވާހަކައިގެ އެންމެ މުހިއްމު 2 ރޯލަށެވެ. އެއީ ޕްރޭނާ އަދި އަނޫރާގުގެ ލޯބީގެ ވާހަކައަށެވެ. މިފަހަރު އެ ރޯލް ކުޅެމުންދަނީ އެރިކާ ފެނާންޑިޒް އާއި ޕާތް ސަމުތާންއެވެ.
އެހެންކަމުން ކަރަންގެ ޝަކުވާ އަކަށްވީ އޭނާ އަށް ލިބުނު ސްކްރީން ވަގުތު މަދު ވުމެވެ. އަދި ކުރިން ލޯބީގެ ރޯލްތަކުން ފެނުނު ކަރަން އަށް ނެގެޓިވް ރޯލަކުން ފެނުން މާ ފަސޭހަ ކަމަކަށް ނުވިއެވެ.

ކަރަން ކުޅެން ޖެހުނީ މެދު އުމުރުގެ ނުބައި، މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލެވެ. އެ ރޯލަކީ ކަރަންގެ އެކްޓިން ހުނަރު އެންމެ ބޮޑަށް ދައްކާލެވޭ ކަހަލަ ރޯލަކަށް ނުވެ ފޭނުން ތިބީ މާޔޫސްވެފައެވެ. ބަޖާޖުގެ ރޯލުން ފުރަތަމަ ކަސޯޓީ ވާހަކައިގައި އެކްޓު ކޮށްދިނީ ރޯނިތު ބޯސްއެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން މެދުނުކެނޑި ދައްކަމުން ދިޔަ އެ ސިލްސިލާ އެއްކޮށް ފުރިހަމަ ކޮށްފައެވެ. ރޯނިތްގެ އެކްޓިން އާއި ގާތަށް ވެސް ކަރަން އަށް އެކްޓް ނުކުރެވުމަކީ ކަރަން އަށް ކަސޯޓީގައި ރަނގަޅު ކާމިޔާބެއް ނުލިބުނު އެއް ސަބަބެވެ.