ކޮންމެ އަހަރެއްގެވެސް އޯގަސްޓު މަހުގެ އެންމެ ފަހު ބުދަ ދުވަހު ސްޕެއިންގެ ބުނޮލް ނަމަކަށްކިޔާ ރަށެއްގައި އޮންނަ ލާ ޓޮމަޓީޏާ ނަމަކަށްކިޔާ ފެސްޓިވަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ފުޑްފައިޓްއެވެ. މިދިޔަ އަހަރުގެ އެ ފެސްޓިވަލްގައި 22000 އެއްހާ މީހުން ބައިވެރިވިއިރު އެ ފެސްޓިވަލްގައި އޮންނަ ކަމަކީ އެކަކު އަނެކަކު ގަޔަށް ޓޮމާޓޯ އުކުމެވެ. ސަމާސާއަކަށް ކުރެވޭ މި ކަމަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު ހަރަކާތެކެވެ.

އެ ފެސްޓިވަލްގައި ބޭނުންކުރެވޭ ޓޮމާޓޯތައް އެ ރަށަށް ގެނައުމަށްޓަކައި މިދިޔަ އަހަރު ހަ ލޮރީ ބޭނުންކުރެވުނުއިރު އެ ފެސްޓިވަލް އޮންނަ ރަށުގައި މައިދާނަށް ޓޮމާޓޯތައް ގެނައުމަށްޓަކައި އިތުރު ކުޑަ ލޮރީއެއް ވަނީ ބޭނުންކުރެވިފައެވެ. ބުނޮލްގެ އާދަކާދައާއި ގުޅިލާމެހިފައި އޮންނަ މި ފެސްޓިވަލްގައި ބޭނުންކުރެވޭ ޓޮމާޓޯތަކުގެ އަގު މުޅިއަކު 36000 ޔޫރޯއަށް އަރާނޭކަމަށް ވަނީ ލަފާކުރެވިފައެވެ.

އެ ފެސްޓިވަލްގައި ބައިވެރި ވަނީ ހަމައެކަނި ސްޕެއިންގެ އާންމުންނެއް އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގެ އެކި ސަރަހައްދުތަކުން ލާ ޓޮމަޓީނާ ފެސްޓިވަލްގެ މަޖަލުގައި ބައިވެރިވުމަށް ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ސްޕެއިންއަށް ދަތުރުކުރެއެވެ. ފެސްޓިވަލް އޮންނަ ރަށުގެ އޮފިޝަލުން ވަނީ އެ ފެސްޓިވަލްގެ ހަރަކާތްތައް ނަހަމަގޮތުގައި ބޭނުންނުކުރުމަށް އަބަދުވެސް ފެސްޓިވަލްގެ ބައިވެރިންނަށް އިލްތިމާސްކުރަމުންނެވެ.

ލާ ޓޮމަޓީނާއަކީ އެންމެ ފުރަތަމަ 1945 ވަނަ އަހަރު ބޭއްވުނު ފެސްޓިވަލްއެކެވެ. އަދި މިހާރު އެއީ ބައިނަލްއަގްވާމީގޮތުން ފަތުރުވެރިކަން ކުރިއަރުވައިދޭ ފެސްޓިވަލްއެއްގެ ގޮތުގައި ސްޕެއިންގެ ސަރުކާރުގެ އޮފިޝަލުން ކަނޑައަޅާފައިވާ ފެސްޓިވަލްއެކެވެ. މިހާރުވެސް ބުނޮލްގެ އޮފިޝަލުން ދަނީ މި އަހަރުގެ ލާ ޓޮމަޓީނާ ފެސްޓިވަލްއަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލަރޭ

    މިނިވަން 50 އށް 150 މިލިއަން ދުފިޔާ ދުއްވާލީ އެވެސް އިސްރާފު އެ ނުފެނޭދޯ

    19
    5