1897 ވަނަ އަހަރު ހިނގި ހަނގުރާމައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއްގެ ސެޓުގައި ބޮމެއް ގޮވައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ލީޑު ރޯލުން އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު "ކެސާރީ" ގެ މަންޒަރެއް ނެގުމުގެ ތެރޭގައި ހިނގި މި ޙާދިސާގެ ސަބަބުން ފިލްމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ކެމެރާއާއި ލައިޓުތައްވަނީ ހަލާކުވެފައެވެ. އެހެންނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް "މިޑް ޑޭ" އިން ބުނެފައިވެއެވެ.

ބޮން ގޮވުމުގެ ސަބަބުން ސެޓުގައި އަލިފާނުގެ ޙާދިސާވެސް ހިނގާފައިވާއިރު އެތަނުގައި އެވަގުތު 100 މީހުން ތިބިކަމަށްވެއެވެ. މިކަން ހިނގާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަން ހިނގި ވަގުތު، ސެޓުގައި އަކްޝޭ އާއި އެނޫންވެސް ފިލްމުގެ އެއްވެސް މުޙިއްމު ތަރިއެއް ނެތެވެ. މުމްބާއީ އާ ދުރުނޫން ހިސާބެއްގައި މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހެއްގެ ޝޫޓިން ނިންމާލުމަށްފަހު ޗާޓަރު ހެލިކަޕްޓަރެއްގައި އަކްޝޭ ދަނީ މުމްބާއީ އަށެވެ.

ސެޓުގައި ބޮން ގޮވުމުގެ ސަބަބުން ކެމެރާތަކަށާއި ލައިޓުތަކަށް ގެއްލުންވިއިރު، އެތައް ޚަރަދެއް ކޮށްގެން، ގުލިސްތާނު ބުރުޒާ އެއްގޮތަށް ހެދި ރެޕްލިކާ ބުރުޒުވަނީ ހަލާކުވެފައެވެ. އަދި، އަލުން ބުރުޒު ހަދައިގެން ޝޫޓިންތައް ފެށުން، ގޮންޖެހުމަކަށްވެފައިވާކަމަށްވެސް ނޫސްތަކުން ބުނެއެވެ