އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ހަތަރުވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ކަނިކާ ހަތަރު ފަހަރަށް ފައްސިވުމާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ ކޮންބޮޑުވުންފާޅުކޮށް އޭނާއަށް ބޭހުގެ އަސަރު ނުކުރާ ކަމަށް ބުނަމުންއެވެ. އަދި އިތުރު ފަރުވާއަށް އޭނާ ގެންދެވެންވެސް ނެތްކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ކަނިކާ އައިސޮލޭޓުކޮށްފައިވާ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މިމަހު 9 ވަނަ ދުވަހު އޭނާ ވަނީ ލަންޑަނަށް ދަތުރުކޮށްފައެވެ. އަދި އޭގެފަހުން ލަކުނޯ އަދި ކާންޕުރަށްވެސް ކަނިކާ ވަނީ ގޮސްފައެވެ. އެ ދަތުރުގައި އޭނާ ގައިން ވަނީ ހުމާއި ރޯގާގެ އަލާމަތްތައް ފެނިފައެވެ. ކަނިކާ އައިސޮލޭޓު ކޮށްފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ. ނަމަވެސް ކަނިކާ އެކު އުޅުނު އޭނާގެ އެކުވެރިން ވަނީ ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަނިކާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ބަލީގެ އަލާމާތްތައް އޭނާގެ ކިބައިގައި ހުއްޓާ އާންމުންގެ ތެރެއަށް ނިކުމެ އުޅުމުން ލަކުނޯގެ އިސްކޮށް އުޅުއްވާ ސިއްހީ އޮފިޝަލުވަނީ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ވަނީ ސަރޯގިނީ ނަގަރު ޕޮލިހަށް މައްސަލަ ހުށަހަޅާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ކަނިކާގެ އެ އަމަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް އަނެއްބަޔަކު އަންނަނީ ކަނިކާ އަށް އަވަސް ޝިފާއަކަށް އެދެމުންއެވެ. އިންޑިއާގެ ނޫހަކުން ބުނިގޮތުގައި ހަތަރުވަނަ ފަހަރަށް އޭނާ ޓެސްޓުކޮށްފައި ވަނީި ތިން ވަނަ ފަހަރު ޓެސްޓުކޮށްގެން ޓެކްނޮލޮޖިކަލް މައްސަލައަކާއި ގުޅިގެން ނަތީޖާ ލިބޭގޮތް ނުވުމުންއެވެ.