ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ދެކުނު އެފްރިކާގައި މީހުން އެއްވެގެން އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައި ވަނިކޮށް ކައިވެނި ޕާޓީއެއް ބޭއްވި ދެމަފިރިން، ޕާޓީ ކުރިއަށް ދަނިކޮށް ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުވާޒުލޫ-ނަޓާލް ނަމަކަށް ކިޔާ ސަރަހައްދުގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް ފުލުހުން އެސަރަހައްދަށް ދިޔައިރު ޕާޓީގައި 50 ވަރަކަށް މީހުން ތިއްބެވެ. ކައިވެނި ކުރި ދެމަފިރިންނާއި ޕާޓީގައި ބައިވެރިވި އެންމެންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ކައިވެނި ކުރި ދެމަފިރިން ކައިވެނި ހެދުމުގައި ތިއްބާ ފުލުހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދައުރުވަމުން އެބަދެއެވެ.

ހައްޔަރު ކުރި ދެމަފިރިން މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލީ ހަނީމޫން ދުވަސްވަރު ފުލުހުންގެ ބަންދުގައި ބޭތިއްބުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ ފަރާތްތަކުގެ އެންގުންތަކަށް ބޯނުލަނބައިފިނަމަ އެމީހުން އަލުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

ދެކުނު އެފްރިކާ އިން މިހާތަނަށް 1655 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 11 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ދެކުނު އެފްރިކާ މިހާރު އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ނިކުންނަ މީހުން ހައްޔަރުކޮށް ދެކުނު އެފްރިކާ އިން ގެންދަނީ އެމީހުންގެ މައްޗަށް ދައުވާ އުފުލަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދެކުނު އެފްރިކާ އިން މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގައުމުން ކޮންމެ ދުވަހަކު 30000 މީހުން ބައްޔަށް ޓެސްޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު