ނޭވީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕްރީތު ސިން އާއި ނީތު ކައުރް ދިމާވީ މީގެ އަހަރެއްހާ ދުވަސް ކުރިން މީސް މީޑިއާއިންނެވެ. ދެ މީހުން އެކަކު އަނެކަކު އެނގި ލޯބިވެވިއްޖެއެވެ. މިދިޔަ 12 މަސް ތެރޭގައި ދެ މީހުންގެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުމާއެކު ކައިވެނި ކުރަން ބޭނުންވިއެވެ.

ނަމަވެސް މިހާރު ދުނިޔޭގައި ހަލުވިމަކާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ހެދި ބޭނުންވި ގޮތަށް ކައިވެނި ކުރެވޭނެ ގޮތް ނުވިއެވެ. އެންމެ ފަހުން ދެ މީހުންގެ ކައިވެނީގެ ގޮށް ޖަހާލީ އިންޓަނެޓް މެދުވެރިކޮށް ދެ މީހުން ދެ ތަނުގައި ތިބެގެންނެވެ. ޕްރީތު ހުރީ މުމްބާއިގައެވެ. ނީތު ހުރީ ދިއްލީގައެވެ.

"އަހަރެމެންގެ ގުޅުމަކީ ވަރަށް އެވެންޗަ ގުޅުމެއް، އަހަރެން ކައިރިން ރައްޓެހިވާން ފުރަތަމަ އެހީ ނީތު އެކަމަކު އަހަރެން ވަގުތު ބޭނުންވާ ކަމަށް ބުނެ އެ ގުޅުން އެގޮތަށް ގެންދަން ބޭނުންނުވީ، ނަމަވެސް ފަހުން އަހަރެން ނީތު އަށް ސަޕްރައިޒެއް ދިނީ ރެސްޓޯރެންޓަކަށް ގެންގޮސް. އަހަރެން އޭނައަށް އެ ދުވަހު ޕްްރޮޕޯސް ކުރިން. އަދި ހަމަ އެ ދުވަހު ނީތު ވަނީ އަތު ލިޔުމުން ލިޔެފައިވާ 100 ނޯޓުތަކެއް ހުރި އެއްޗެއް ދީފައި، އޭގައި ހުރީ އެނާ އަހަރެން ދެ ލޯބިވާ ސަބަބުތައް. އެހެންކަމުން ތަފާތު ގޮތަކަށް އަހަރުމެންގެ ކައިވެނި ބޭއްވުން އެއީ ސަޕްރައިޒެއް ނޫން،" ޕްރީތް އެންޑީޓީވީ ނޫހަށް ބުނެފައި ވެއެވެ.

އިންޑިއާ މިހާރު ތިން ހަފްތާއަށް ފުރަބަންދު ކުރުމާ ގުޅިގެން އެތައް ބައެއްގެ ކައިވެނި ފަސްކުރި ނަމަވެސް، ޕްރީތު އާއި ނީތު ވަނީ ކައިވެނިކޮށްފައެވެ. ނަމަވެސް އެ މީހުންނަށް ދީނުގައި އޮންނަ ގޮތަށް ކައިވެނި ނުކުރެވޭނެކަން އެނގެއެވެ. އެހެންވެ ދެ މީހުން ކައިވެނި ކުރީ ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެ މީހުން ކައިވެނީގެ ހަފްލާވެސް ބާއްވާފައިވާއިރު، އެ ހަފްލާގައި ރަހުމަތްތެރިންނާއި އާއިލާވެސް ބައިވެރިވިއެވެ. މި ހުރިހާ ކަމެއް ގެންދިޔައީ އޮންލައިން ކޮންފަރެންސްގެ ތެރެއިންނެވެ.

ޕްރީތު ބުނީ، އޮންލައިންކޮށް ކައިވެނި ކުރުމުގެ ހިޔާލު އައީ މި ބައްޔާއި ހެދި ގޭގައި މަސައްކަތް ކުރަން ޖެހުމުން އެއަށް ބިނާކޮށް ކަމަށެވެ.

"އެހެންވެ ހިތަށް އެރީ ކައިވެނި ކުރަން، ބޭނުންވި ޑޭޓްގައި އެއީ އޭޕްރިލް ހަތަރެއް، މީގެ އިތުރުން މި ދުވަސްވަރު ސޯޝަލް ޑިސްޓެންސްއަށް އިސްކަން ދިނުމަށް ނިންމިން، މިއީ އޭގެ މިސާލެއް". އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން، ޕްރީތް ބުނީ، ދީނުގެ ވައްޓަފާޅި އޮންނަ ގޮތަށް ކައިވެނި ކުރުން އެއީ އޮންނަ ގޮތް ނަމަވެސް، މިގޮތަށް ކައިވެނި ކުރަން ދިން ހިޔާލު ދެ މީހުންގެ އާއިލާވެސް ގަބޫލު ކުރި ކަމަށެވެ.

"އަހަރެންގެ މައިންބަފައިންނާއި ނީތުގެސް މައިންބަފައިންވެސް އެ ހިޔާލަށް ހަމަ ވަރަށް ބޮޑަށް އޯކޭ ވެފައި ތިބީ،" ޕްރީތު ބުނެފައި ވެއެވެ.

ދެ މީހުންގެ ކައިވެނި ކުރިއިރު، ނީތުވަނީ މެހެންދިވެސް އަޅާފައެވެ. އޭނާ މޭކަޕް ވެސް ކުރިއެވެ. ހީވީ ހަމަ ކައިވެނީގެ ހަފްލާއަކަށް ތައްޔާރުވެފައި ހުރި ހެންނެވެ.

އޮންލައިންކޮށް ކައިވެނި ކުރި ޕްރީތު އާއި ނީތު ވަނީ ފަހުން އަސްލު ކައިވެނީގެ ހަފްލާ ބާއްވަން ނިންމާފައެވެ.

"އަހަރެންނާ ނީތު ކައިވެނި ކުރާނެ، ސަގާފަތުގައި އޮންނަ ގޮތަށް ލިބޭ ފުރުސަތުގައި". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު