ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރި، މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރުވާފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް މި ނުރައްކަލުން އަރައިގަނެވޭނެ ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމަށް ސައިންސްވެރިންނާއި ތަޖުރިބާކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ދަނީ ކުރިޔަށެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް މާބޮޑު ކުރިއެރުންތަކެއް ނުލިބި ވަނިކޮށް، އެ ވައިރަށް އަށް ފަރުވާއަކަށްވެދާނެ ކަމަށް ޤަބޫލުކުރެވޭ ފަތްޕިލާވެއްޔެއް، އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ މަޑަގަސްކަރައިން ފެނިފައިވާ ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

މިކަން ހާމަކޮށް އެޤައުމުގެ ރައީސް، އެންޑްރީ ރަޖޯއެލީނާ ޓީވީ ޗެނަލަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އަށް ފަރުވާ ކޮށްދޭނެ ކަމެއް ބެލެވޭ ފަތްޕިލާވެއްޔެއް އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހޯދާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެޤައުމުން ފެނުނު މި ފަތްޕިލާވެއްޔަކީ ކޮވިޑް-19 ގެ ވައިރަށް އަށް ފަރުވާދޭ ބައިތަކެއް އެކުލެވޭ އެއްޗެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ހެކިތައް މިހާތަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑްރީ ވިދާޅުވީ، މަޑަގަސްކަރައަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ޤާބިލު ޤައުމެއް ކަމަށާއި، އެހެންކަމުން އެޤައުމުން މި ވައިރަސް އަށް ފަރުވާއެއް ހޯދިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެޤައުމުން ހޯދާފައިވާ ފަތްޕިލާވެލި ބޭނުންކޮށްގެން ކުރަންޖެހޭ ޓެސްޓުތައް ކުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އެންޑްރީ ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ، ހަމައެކަނި ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން މަޑަގަސްކަރައިގައި އުފައްދަން ތައްޔާރުވަމުންދާ ފަރުވާ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުޙިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މިހާރު ކުރިޔަށްދަނީ މިކަން އިތުރަށް ޔަޤީންކޮށް އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތް ކަމަށް ވެއެވެ. އެފަރާތްތަކުން މިގޮތަށް ބުނެފައިވީނަމަވެސް މި ފަތްޕިލާވެލިން ކޮވިޑް-19 ގެ ފަރުވާއެއް އަދި ތައްޔާރުކޮށް، ބޭނުންކޮށްފައިވާ ކަމެއް ނޭނގެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދުނިޔޭގެ 209 ޤައުމަކުން، ނުވަތަ ސަރަޙައްދަކުން ފެނިފައިވާއިރު، މަޑަގަސްކަރައަކީވެސް އޭގެތެރޭގައި ހިމެނޭ ޤައުމެކެވެ. އެޤައުމުން މިހާތަނަށް 93 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް މި ބަލީގައި އެޤައުމުން މީހަކު މަރުވެފައި ނުވެއެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއެކު މި ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާގައި ވެސް މި ވައިރަސް އަށް ފަރުވާކުރާ ވެކްސިނެއް އުފައްދައި ޓެސްޓު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 1584982 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އޭގެތެރެއިން 94720 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، މިބަލިން ރަނގަޅުވެފައި ވަނީ 352444 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހިން

    ދިވެހިބޭސް ވެރިކަމަކީ ވެސް ވަރަށް ގިނަބަލި ތަކަށް ޟިފާހޯދި ފައިވާ ވަސީލަތެތް ދިވެހި ބޭސް ކުރާ ބޭފުޅުން ނަށް މިކަމަށް ފަރުވާ އެއް ލިބޭތޯ ބެލިދާނެ ތޯ އެވެ ؟ ކޮންމެ ބައްޔަކައް ޟިފާދެ ވާފަރާ ތަކީ މާތްﷲ އެވެ ! ޢެކަލާންގެ އަޅުން ކުރާނީ މަސަތްކަތާ ދުޢާއެވެ! ޜަހުމަތް ލައްވާނީ އެކަލާންގެ އެވެ! ޢިންޟާﷲ !

    48
    1
  2. ދިވެހިން

    ދިވެހިބޭސް ވެރިކަމަކީ ވެސް ވަރަށް ގިނަބަލި ތަކަށް ޟިފާހޯދި ފައިވާ ވަސީލަތެތް ދިވެހި ބޭސް ކުރާ ބޭފުޅުން ނަށް މިކަމަށް ފަރުވާ އެއް ލިބޭތޯ ބެލިދާނެ ތޯ އެވެ. ދިވެހިބޭހުން ވެސް އެބަހުރި މޭފާރުވެ ދޮސް ހެދިގެން ވެސްބޭސް ކޮށްރަނގަޅުކޮއްފަ މިފަދަގިނަބަލި ތަކަށް ބޭސް ކޮއް ފައި ވާކަން ފާހަގަ ކުރެޥޭ. ކޮންމެ ބައްޔަކައް ޟިފާދެ ވާފަރާ ތަކީ މާތްﷲ އެވެ ! ޢެކަލާންގެ އަޅުން ކުރާނީ މަސަތްކަތާ ދުޢާއެވެ! ޜަހުމަތް ލައްވާނީ އެކަލާންގެ އެވެ! ޢިންޟާﷲ !

    32
    1
  3. މަޖުބޫރު

    ވެކްސިން އުފައްދާ ބޮޑެތި ކުންފުނިތައް ބޭނުންވާ ގޮތެއް އަހަރުމެން ނިކަމެތިން ހަދަން ޖެހޭނީ.