މަޑަގަސްކަރައަށް ތޫފާނެއް އެރުމުގެ ސަބަބުން 20 މީހުން މަރުވެއްޖެއެވެ.

އެ ގައުމުގެ ޑިޒާސްޓާ އެންޑް ރިސްކް މެނޭޖްމަންޓް އޮފީހުން ބުނީ، މަޑަގަސްކަރައަށް އެރި ތޫފާން ބަޓްސިރާއީގެ ސަބަބުން މިހާތަނަށް 20 މީހުން މަރުވެ، 55،000 އާ ގާތްކުރާ އަދަދަކަށް މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ ތޫފާނުގެ ސަބަބުން ވެރިރަށް އަންތަނަނަރީވޯގެ ދެކުނުން ގާތްގަނޑަކަށް 460 ކިލޯމީޓަރު (286 މޭލު) ދުރުގައި އޮންނަ އަމްބާލާވާއޯ ނަމަކަށް ކިޔާ އަވަށެއްގައި ބައެއްގެ ގެދޮރު ސުންނާފަތިވެ، އެ މީހުން މަރުވެފައިވާ kamaSeve.

މިއީ އިންޑިއާ ކަނޑުގެ ފަގީރު ޖަޒީރާ ގައުމަކަށް ދެ ހަފުތާގެ ތެރޭގައި އެރި ބޮޑު ދެ ވަނަ ތޫފާނެވެ.

މި ތޫފާނުގެ ސަބަބުން މަނަޖާރީގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، ގަޑިއަކު 165 ކިލޯމީޓަރު (103 މޭލު) ބާރުމިނުގައި ވައިޖެހި، ގަސްތައް މުލުން ލުން، އިމާރާތްތައް ހަލާކުވެ، ރަށްވެހިންނަށް ވަނީ ދަގަނޑު ފުރާޅުތައް ބަރުކުރަން މަޖުބޫރުވެފައި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ޓްރޮޕިކަލް ސްޓޯމް އާނާގެ އަސަރު މަޑަގަސްކަރައިގެ އެކި ކަންކޮޅުތަކުން 131،000 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ އިރު، މި ތޫފާނުގައި 60 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މަލާވީ، މޮޒަމްބީކް އަދި ޒިމްބާބުވޭއަށް ވެސް މި ތޫފާނުގެ އަސަރުކޮށް، އެ ހިސާބުތަކުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.