ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާންއަކީ ފެޝަަނަށް ލޯބި ކުރާ އަބަދުވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ ތަފާތު އަދި އަގުބޮޑު ހެދުން ލާ މީހެކެވެ.

ކަރީނާގެ ކައިވެނީގެ "ލެހެންގާ" އަކީ ވަރަށް ޝާހީ އަދި އަގު ބޮޑު ހެދުމެކެވެ. މި ހެދުމުގެ އަގު އުޅެނީ 50 ލައްކަ އިންޑިއަން ރުޕީސްއަށެވެ. މިއީ ގާތްގަނޑަކަށް 65،637.04 ޔޫއެސް ޑޮލަރެވެ. ކަރީނާގެ ކައިވެނީގެ ލެހެންގާ ޑިޒައިންކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނާ މަނީޝް މަލޯތުރާއެވެ.

ކަރީނާ ކަޕޫރަކީ ފެޝަނަށް ލޯބި ކުރާ އަދި އަގުބޮޑު ދަބަސް އަދި ހެދުން ކަލެކްޝަނެއް ގެންގުޅޭ ފަންނާނެނެކެވެ. ދާދި ފަހުން ކަރީނާގެ ކައިވެނީގެ ހެދުން ވަނީ މީސްމީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. އޮރެންޖު ކުލައެއްގެ ކުރުތާއަކާއި ދޯޕައްޓާއާއި ލެހެންގާ ގައި ވިދުންގަދަ ރަން ބޯޑަރުތަކެއް އަޅާފާ ހުރި މި ހެދުމަކީ ކަރީނާގެ ފިރިމީހާ ސައިފު އަލީ ޚާންގެ މަންމަ އޭނާގެ ކައިވެނީގައި ލައިގެން ހުރި ހެދުމެވެ.

މި ހެދުމުގެ އަގު އެނގިފައި ގިނަ ބަޔަކު ސިއްސައިގެން ދާނެކަމާ މެދު ޝައްކެއްނެތެވެ. އޭނާއަކީ އަބަދުވެސް އަގުބޮޑު އަދި ބުރޭންޑެޑް އެއްޗިއްސަށް ލޯބި ކުރާ މީހެކެވެ.

ސައިފު ކަރީނާ ގާތުން ކައިވެންޏަށް އަހާފައިވަނީ ވިޖޭ ކުރިޝްނާ އާޗާރިޔާ ޑައިރެކްޓްކޮށް 25 އޭޕްރިލް 2008 ވަނަ އަހަރު ނެރުނު ފިލްމުގެ ޝޫޓިން ތެރެއިން ގުރީސްގައެވެ. ނަމަވެސް އޭރު ސައިފު އާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭނގޭތީ ދޭނެ ޖަވާބެއް ނޭނގިފައި ހުރުމަށް ފަހު އޭނާ ބޭނުންވީ ސައިފު އިތުރަށް އެނގިގެން އެކަން ކުރިއަށް ގެންދިޔުމަށް ކަމަށް ކަރީނާ ވަނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައެވެ. މިހާރު އެދެމީހުންގެ ކައިވެންޏަށް ވަނީ ކުއްޖަކުވެސް ލިބިފައެވެ.

ސައިފް ވަނީ ކުރިން އިތުރު ކައިވެންނެއް ކޮށްފައެވެ. އޭނާ އާއި އަމްރިތާ ސިންގްގެ 2 ކުދިން ތިބެއެވެ. އެއީ ސަރާ އަލީ ޚާން އަދި އިބްރީހިމް އަލީ ޚާން އެވެ. ކަރީނާ މީގެ ކުރީގައި ކައިވެންޏެއް ކޮށްފައެެއް ނުވެއެވެ.