ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން އަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ބޮރިސް ދޫކޮށްލާފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީފަހުން މިއަދުގެ ވަގުތެއްގައެވެ.

ބޮރިސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ، ކޮވިޑް-19 އަށް ފައްސިވުމުން ގޭގައި އެކަހެރިވެވަޑައިގެން ހުންނަވާތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް ވައިރަސްގެ އަލާމާތްތައް ފެންނަމުން ދިއުމާއި ގުޅިގެންނެވެ. މިދިޔަ މަހުގެ ތެރޭގައި ބޮރިސް އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނުއިރު، އެކަން ހާމަކޮށްފައި ވަނީ އޭނާ އަމިއްލައަށް ކުރެއްވި ޓްވީޓެއްގައެވެ.

ބޮރިސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ހާލު އިތުރަށް ގޯސްވުމުން އައިސީޔޫގައި ވެސް ފަރުވާދީފައި ވެއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. ކޮވިޑް-19 ޖެހިގެން ބޮރިސް އަށް ހޮސްޕިޓަލްގައި ފަރުވާދިން ނަމަވެސް އޭނާގެ ހާލު ސީރިއަސް ނުވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މިއަދު ބޮރިސް ހޮސްޕިޓަލުން ދޫކޮށްލުމާއި ގުޅިގެން މިހާރު އޭނާ ދަނީ ގޭގައި އެކަހެރިވެވަޑައިގެން އިތުރަށް ކުރަންޖެހޭ ފަރުވާތައް ކުރަމުންނެވެ. އެހެންކަމުން އަދި އޭނާ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތަކަށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ބޮރިސް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާގެ ހުރިހާ ޒިންމާތަކާއި މިހާރު ހަވާލުވެ ހުންނެވީ އިނގިރޭސި ފޮރިން ސެކްރެޓަރީ، ޑޮމިނިކް ރާބް އެވެ.

ބޮރިސް އަކީ އިނގިރޭސިވިލާތުން މިހާތަނަށް މި ވައިރަސްއަށް ފައްސިވި އެޤައުމުގެ ސަރުކާރުގެ ފުރަތަމަ އިސް ފަރާތެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވައިރަހަށް ފައްސިވެފައެވެ. ނަމަވެސް މިހާރު ޕްރިންސްގެ ހާލު ރަނގަޅެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތްއިރު، މިހާތަނަށް 78991 މީހަކަށް އެޤައުމުން ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 9875 މީހަކު ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 344 މީހެކެވެ.