އިނގިރޭސިވިލާތުގައި އެންމެ ފަހުން ބޮޑުވަޒީރު ކަން ކުރެއްވި އުމުރުން 58 އަހަރުގެ ބޮރިސް ޖޯންސަންއަށް އަށް ވަނަ ބޭފުޅަކު ލިބިވަޑައިގެންފިއެވެ.

ފަހެއް ޖުލައިގައި އުފަންވި މި ފިރިހެން ކުއްޖާގެ ޚަބަރު ބޮރިސް އޭނާގެ އިންސްޓްގަރާމްގައި ކުރި ޕޯސްޓަކުން އިއުލާންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ބޮރިސްއާއި އަނބިކަނބަލުން ކެރީ ސައިމަންޑްސް، 35، އެ ކުއްޖާއަށް ނަންދެއްވީ ފްރޭންކް އަލްފްރެޑް އޮޑިސިއަސް ޖޯންސަންގެ ނަމުންނެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގައި ކައިވެނިކޮށްފައިވާ ކެރީއަކީ ބޮރިސްގެ ދެ ވަނަ އަނބިކަނބަލުންނެވެ. ބޮރިސް ޖޯންސަން މީގެކުރިން ކުރި ކައިވެންޏާ އެކު، މިހާރު އޭނާގެ އަށް ދަރިން ތިއްބަވައެވެ.

އެގޮތުން މަރީނާ އާއެކު އޭނާއަށް ވަނީ ތިން އަންހެން ބޭފުޅުންނާއި އެއް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައިއެވެ. އަދި ނަން ހާމަކުރައްވާފައި ނުވާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއެކު ބޮރިސްއަށް ވަނީ އަންހެން ދަރިފުޅެއް ވެސް ލިބިވަޑައިގެންފައިިއެވެ.

ބޮރިސްއާ ކެރީގެ ފުރަތަމަ ދަރިފުޅު ވިލްފްރެޑް އުފަންވެފައިވަނީ 2020 ވަނަ އަހަރުގައި މުޅި ގައުމު ލޮކްޑައުންއެއްގެ ތެރޭގައި ވަނިކޮށެވެ. އެއީ އެ އަހަރުގެ އޭޕްރީލް 29 ގައެވެ. އެއަށްފަހު، 2021 ވަނަ އަހަރުގެ ޑިސެމްބަރު 9 ގައި އެ ދެމަފިރިންނަށް ވަނީ ރޯމީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ލިބިވަޑައިގެންފައެވެ.

ރޯމީ އުފަންވުމުގެ ކުރިން ބޮރިސް ވަނީ އޭނާއަށް ލިބިފައިވަނީ ކިތައް ބޭފުޅުން ކަން އާންމުންނަށް ސިއްރު ކުރައްވައިފައެވެ.