ގަޑިން ރޭގަނޑު 10 ޖެހީއެވެ. ފިރާޝާ ކޮޓަރިން ނުކުތީ ނިހާދު އޭނާއަށް ހަވާލުކުރި ވިޔަފާރީގެ "މުޢާމަލާތް" ފުރިހަމަކުރުމަށްފަހުއެވެ. އޭނާ އެންމެ ފުރަތަމަ ވެސް އެދުނީ ރީޝާ ގެއަށް ވެއްދުމުގެ ހުއްދައަކަށެވެ. ގެއަށް ގެނައި ޒުވާނާގެ ފަރާތުން އެއްވެސް ޝަކުވާއެއް ނުލިބި، ނިހާދު ބޭނުންވާ ވަރަށް ފައިސާ ލިބުމުން އެ ހުއްދަ ލިބުނެވެ. ނިހާދުގެ ޖަވާބު އަޑުއަހަފައި ފިރާޝާއަށް ޤަބޫލުކުރަން ދަތިވެފައި ހުރެވުނެވެ.

"މަ ޚިޔާލު ބަދަލުނުވަނީސް ރައްކާވެ." ނިހާދު ރުޅިއައެވެ. "ކަލޭ މަ ބުނާގޮތް ހަދައިގެން އުޅޭ ނަމަ ރީޝާއަކަށް އެއްވެސް ގެއްލުމެއްނުވާނެ."

ފިރާޝާއަށް ލިބުނު ފުރުޞަތުގައި އަވަސް އަވަހަށް ގެއިން ނުކުންނަން ދިޔައެވެ. ޓޯޗު ބައްތި ހިފައިގެން ގޯތީގެ ބިއްފަޅިއަށް ނުކުތްއިރު ރީޝާ އޮތީ ޖޭމުގަހުގެ ބުޑަށް ވެއްޓިފައެވެ. ފިރާޝާއަށް ހަޅޭލަވައިގަނެވުނެވެ. އަދި ބާރުބާރަށް ނިހާދަށް ގޮވަންފެށިއެވެ. އެ އަޑަށް ނިހާދު އެތަނަށް ދިޔައެވެ. ރީޝާގެ ހޭވެރިކަމެއް ނެތެވެ. ރީޝާގެ މޫނުގައި ދެއަތުން ތަޅަމުން ފިރާޝާ ގޮވިއެވެ. އެހެނަސް ހަބަރެއް ނުވިއެވެ. އެ ހަށިގަނޑުގައި ފުރާނަވެސް ނެތް ކަހަލައެވެ. ފިރާޝާ ވަރަށް ބިރުގަތެވެ.

"ނިހާދޫ." ފިރާޝާއަށް ރޮވުނެވެ. "މި މަންޖެއަށް ކިހިނެއްވެފައި މިއޮތީ."

ރީޝާ އޮތް ހާލުފެނިފައި ނިހާދުގެ މޫނުން ކަންބޮޑުވުމުގެ ލިސާންތަކެއް ފާޅުވިހެން ފިރާޝާއަށް ހީވިއެވެ. އެއީ ކުށްހީއެއް ހެއްޔެވެ؟

"ހޭނެތިފަ." ނިހާދު ދިނީ ކުރު ޖަވާބެކެވެ.

"ކޮޓަރިއަށް ކޮޓަރި އަށް ގެން ގޮސް ދީ." ފިރާޝާއަށް ރޮވޭވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

ނިހާދުގެ ދެއަތްދަނޑި މައްޗަށް ރީޝާ ނެގިއެވެ. ފިރާޝާގެ ކަރުނުން ފުރިފައިވި ލޮލުން ނިހާދަށް ބަލައިލީ ޝުކުރުވެރިކަމާއެކުއެވެ. އެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ރަހުމާއި ކުލުނުވާ ކަހަލައެވެ. ފިރާޝާގެ އެދުމަށް، އެއްވެސް ޝަކުވާއެއްނެތި ރީޝާ ކޮޓަރިއާ ހަމައަށް ގެންގޮސް ދިނީ އެހެންވެ ކަންނޭގެއެވެ.

ރީޝާއަށް ހޭވެރިކަން ވީ މޫނުން ފިނިކަމެއް އިޙްސާސްކުރެވިގެންނެވެ. މަޑުމަޑުން ދެލޯ ހުޅުވައިލިއިރު އޭނާ އޮތީ ކޮޓަރީގައެވެ. އެނދުމަތީގައެވެ. ގާތުގައި މަންމަ އިނެވެ. އަތުގައި ފެން ތަށްޓެއް ހުއްޓެވެ. ބައްޕަ ހުރީ ދުރުގައި މަންޒަރު ބަލާށެވެ. އެ މޫނުން ފެނުނީ މަސްހުނި އިޙްސާސްތަކެކެވެ. ބައްޕަގެ މޫނަށް ބަލަން ނުކެރިގެން ރީޝާ އެސްފިޔަތައް ތިރިކޮށްލިއެވެ.

"ދަރިފުޅާ މަންމައަށް މާފުކުރޭ." ރީޝާގެ މުޅި މޫނުގައި ފެން ހާކަމުން ފިރާޝާ ވާހަކަ ދެއްކިއެވެ. ރީޝާ ލޮލެއް ނުހުޅުވައެވެ. ބަސް އަހައިގެން އޮތީއެވެ.

"ނިހާދު. މި މަންޖެ ގޮވައިގެން ހެލްތު ވޯކަރު ކައިރިއަށް ހިނގައިބަލަ." ފިރާޝާ ބުންޏެވެ. "ހުންވެސް އައިސް މިއޮތީ."

ނިހާދު ރުޅިއައިސް ހަޅޭލަވައިގަންނާނެކަމަށް ރީޝާ ހީކުރިއެވެ. މަންމަ އެ ސުވާލު ނުކުރި ނަމައޭ ވެސް ހިތަށް އެރިއެވެ. އެހެނަސް ބައްޕަ ރައްދުދިން އަޑެއް ރީޝާ އަކަށް ނީވެއެވެ. އެއީ ބައްޕަގެ މިޒާޖެއް ނޫނެވެ. ރުޅި އައިސް ތަރަތަރަ ޖަހައިނުގަނެ ބައްޕަ ހިތްހަމައެއް ނުޖެހޭނެއެވެ.

ފިރާޝާގެ ކަންބޮޑުވުން ދެވަނަ ފަހަރަށް ވެސް ހިއްސާކުރިއެވެ. ނިހާދުގެ ޖަވާބެއް ނައެވެ. ރީޝާ މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. ބައްޕައެއް ނެތެވެ. މަންމަ ފަސް އެނބުރިފައި ބަލައިލިއެވެ. އެއްޗެއް ބުނަން އުޅުނެވެ. އެ ބުނަން އުޅުނު އެއްޗެއްގެ މަތިން ހަނދާން ނައްތައިލީ ނިހާދު އެތަނުގައި ނެތްކަން އެނގުމުންނެވެ. ދެން ފިރާޝާގެ ސަމާލުކަން އަނެއްކާ ވެސް އަތުލީ ރީޝާއެވެ.

"ދަރިފުޅާ ކިހިނެއްވީ؟" ފިރާޝާ އޯގާތެރިކަމާއެކު އެހިއެވެ. "ބިރުގަތީތަ؟"

އެ ސުވާލާއެކު ރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް އެ މަންޒަރު ލޯ ކުރިމަތިން ފެނުނުހެން ހީވިއެވެ. އެ ކެޔޮފީނީގެ ފަތްތައް ހެލެން ފެށިގޮތެވެ. އެ ތެރެއިން ކަޅު ހިޔަންޏެއް ނުކުމެގެން ދިޔަ ތަނެވެ. ރީޝާ ތުރުތުރު އަޅަންފެށިއެވެ. ރޯ މަހެއް ތެޅޭހެން ތެޅެން ފެށިއެވެ. ފިރާޝާ ފެންތަށި އެނދު ކައިރީގައި ބަހައްޓައިފައި، ނިކަން ބާރަށް ރީޝާގެ ދެކޮނޑުގައި ހިފައިލިއެވެ.

"ދަރިފުޅާ. ދަރިފުޅާ." ފިރާޝާ ކަންބޮޑުވެފައި އިނދެ ރީޝާއަށް ގޮވަންފެށިއެވެ.

"ސަލާމަތްކުރޭ. ސަލާމަތްކުރޭ." ރީޝާ މަޑުންމަޑުން ކިޔެވެ. "ކަޅުކަޅު ކުއްޖެއް."

ފިރާޝާ ކުރުސި ކިޔަން ފެށިއެވެ. އިޚްލާސް، ފަލަޤް، ނާސި ސޫރަތް ވެސް ކިޔެވެ. އެ ނޫނަސް އޭނާއަށް އެނގުނުހާ ހެޔޮ އެއްޗެއް ކިޔެވެ. ރީޝާގެ ހަށިގަނޑަށް އަރަމުން އައި ލޮޅުންތައް މައިތިރިވެ، ހަމައަކަށް އެޅުނީ ދެނެވެ.

އެރޭ ނިދަން އޮވެ ފިރާޝާ އަޒުމެއް ކަނޑައެޅިއެވެ. ރީޝާއަށް ލިބޭ އަނިޔާ ހުއްޓުވުމަށް ހިތުނިޔަތް ގަތެވެ. އެ އަނިޔާ ލިބެނީ ޚުދު އޭނާގެ ސަބަބުންނެވެ. ވީއިރު އެކަން ހުއްޓުވުމުގެ ބާރުވެސް އޮތީ އޭނާގެ އަތުގައިނޫން ހެއްޔެވެ؟

އެ ދުވަހުގެ ފަހުން ފިރާޝާ އުޅުނީ ވަރަށް ވިސްނައިގެންނެވެ. ނިހާދު ރުޅި އަންނަ ކަންކަމާއި ދުރުހެލިވެގެންނެވެ. ނިހާދު އެދޭ އެދުންތަކަށް ޝަކުވާއެއްނެތި އިޖާބަދީގެންނެވެ. ނިހާދު އޮށޯންނަން ބުނެފިނަމަ އޮށޯވެއެވެ. އިށީންނަން ބުނެފިނަމަ އިށީނދެއެވެ. އެކޮޅުކޮޅުން ހިނގަންބުނި ނަމަވެސް ފިރާޝާ އެކަން ވެސް ކުރީހެވެ. ކީއްވެގެން ހެއްޔެވެ؟ އެއީ ދަރިޔަކަށްޓަކައި މަޔަކު ވަމުންދިޔަ ޤުރުބާނީއެކެވެ. ނިހާދުގެ އަޅަކަށް ވެގެން ފިރާޝާ އުޅުނީ އެންމެ ބޭނުމެއްގައެވެ. ރީޝާއަށް ޖިސްމާނީ އަނިޔާއެއް ނުދިނުމެވެ. އެހެނަސް ފިރާޝާއަށް ނުފެނުނީ ކުޑައިރުން ސުރެއް ރީޝާއަށް ލިބެމުންދިޔަ ނަފްސާނީ ގެއްލުމެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ރީޝާ ބިރުގަނެއެވެ. ޖެހިލުންވެއެވެ. މީހަކު ބާރަށް އެއްޗެއް ބުންޏަސް ސިހެއެވެ. ކިޔެވުމަށް ސަމާލުކަމެއް ނުދެވެއެވެ. ސުކޫލުގައި ވެސް އިންނަނީ ނެގިމަޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން ކޮޓަރީގެ ހަތަރުފާރު އޭނާގެ އެކުވެރިންނަށް ވިއެވެ. ފިރާޝާއަށް އެމަންޒަރުތަކެއް ނުފެނެއެވެ. ނޫނީ އެކަންކަން ރީޝާގެ މިޒާޖުގެ ގޮތުގައި ފިރާޝާ ބަލައިގަތީއެވެ. "ބަސްއަހާ" ދަރިއެއްގެ ލަގަބުދީގެން ފިރާޝާ ދެއަތް އުރައިލައިގެން ހުރީއެވެ.

ފިރާޝާ އަނދަމުން ދިޔަ ހޫނުގަދަ އަލިފާންގަނޑުގެ ގިނިން ރީޝާ މަޑުމަޑުން ފިހެވެމުންދިޔަކަން، އޭނާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ރީޝާއަށް ނިހާދުގެ ފަރާތުން ހިމާޔަތް ލިބޭނެކަމަށް ފިރާޝާ އުންމީދުކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ ފިރާޝާގެ މޮޔަކަމެވެ.

ހުކުރު ދުވަހެކެވެ. އާދައިގެ މަތިން ފިރާޝާ ހެނދުނު ތެދުވެ، ގޯތި ތެރެ ކުނިކަހަން ފެށިއެވެ. މީހަކު ކަރުކެހިލި އަޑު އިވުނެވެ. ފިރާޝާ ބަލައިލިއިރު ރާއިދެވެ. ރާއިދު ހިނިތުންވެލިއެވެ. ފިރާޝާއަށް ބަލައިލެވުނީ ގެއާ ދިމާއަށެވެ. ނިހާދު ފެނޭތޯއެވެ.

"މިހާރު ތިއުޅެނީ މަށަށް ފިލައިގެންތަ؟" ރާއިދު ސަމާސާ ރާގަކަށް އެހިއެވެ.

ސަމާސާއަކަށް ހަދައިފައި ނަމަވެސް ރާއިދަށް ބުނެވުނީ ރަނގަޅު އެއްޗެކެވެ. ފިރާޝާ އުޅެނީ ރާއިދަށް ފިލައިގެންނެވެ. ފިރާޝާގެ މޫނުގެ ކުލަވަރުން ރާއިދު ކުރި ސުވާލުގެ ޖަވާބު ލިބުނެވެ.

"ނިހާދު ރުޅިއަންނާނެތީ؟" ރާއިދު އެހިއެވެ.

ފިރާޝާ ބޯ ޖަހައިލިއެވެ. ރާއިދަކީ ނިހާދުގެ ހަތުރެކެވެ. ދުޝްމަނެކެވެ. ރާއިދު ފެނުނަސް ނިހާދުގެ ލޭ ކެކޭނެއެވެ. ރާއިދާ ވާހަކަ ދެއްކުން ވެސް ފިރާޝާއަށް އޮންނަނީ މަނާކޮށްފައެވެ.

"ހާދަހާ ކިޔަމަންތެރި އަނތްބެކޭ!" ރާއިދު ހީނގަތެވެ.

ފިރާޝާގެ ނުތަނަވަސްކަންވީ އިތުރެވެ. ރާއިދު އެތަނުން ދާކަށް ނޫޅުނެވެ. ތަފާތު އެކިއެކި ވާހަކަ ދައްކަން ހުރީއެވެ. ފިރާޝާ އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ރާއިދަށް ފަރުވާލެއް ނެތެވެ. ފިރާޝާއަށް ބެލެނީ ގޯތީގެ ދޮރާއި ދިމާއަށެވެ. ހެނދުނުގެ ވަގުތު ނަމަވެސް ނިހާދު ނުކުމެދާނެހެން އޭނާއަށް ހީވަނީއެވެ.

"މާ ވަރަކަށް ގެއާ ދިމާއަށް ތި ބަލަނީ ކީއްވެގެންތަ؟" އެންމެފަހުން ރާއިދަށް ވެސް އެކަން ފާހަގަވިއެވެ.

"ރާއިދު މިތަނުން ދޭބަލަ!" އަކުރުތަކަށް ދަމާލައިފައި ފިރާޝާ ބުންޏެވެ. "އިތުރަށް މަސްލަހަތު ގޯސްކުރަން ނޫޅެބަލަ!"

ރާއިދު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ފިރާޝާ އެ ފުރުޞަތެއް ނުދިނެވެ.

"މިތަނުން ދާށޭ." ފިރާޝާ ތަންކޮޅެއް ބާރަށް ބުންޏެވެ. "މަށަށް ހެވެއް އެދެންޏާ ރާއިދު މަށާ ވާހަކަ ނުދައްކާ. މަ ފެންނަ ހިސާބަށް ވެސް ނާދޭ. ރާއިދާ ވާހަކަ ދައްކާތީ ނިހާދު ރުޅި އަންނަކަން ނޭނގެނީތަ؟"

އެއީ ރާއިދަށް އެނގޭކަމެކެވެ. އެހެނަސް އެކަމަށް ފަރުވާތެރިނުވެވެނީ އެ ހިތުގައި ފިރާޝާގެ މައްޗަށް އުފެދިފައިވާ ގަދަރެއްގެ ސަބަބުންނެވެ. ނިހާދު ރުޅި އައި ނަމަވެސް ފިރާޝާގެ ހާލުބަލައި ނުލައި ރާއިދުގެ ހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ.

"ސޮރީ. ދެން ނުދައްކާނަން." ރާއިދު މާފަށް އެދިފައި ހިނގައިގަތީއެވެ. ފިރާޝާ ދެރަވިއެވެ. އެހެނަސް އެއީ ހަމަ އޭނާއަށް ރަނގަޅަކަށް ނިންމިނިންމުމެކެވެ.

ފިރާޝާ މަސައްކަތަށް އެނބުރުނެވެ. ނިހާދަށް ނުފެންނަނީސް ރާއިދު ދިޔަކަމަށް ޓަކައި ޝުކުރުވެރިވަމުންނެވެ. އެހެނަސް ތަޤްދީރުގެ ރޭވުން އޮތީ ފިރާޝާއާ ދެކޮޅަށެވެ. ރާއިދު އެ ގެ ހުރަސްކޮށްފައި ދިޔަ ވަގުތަކީ ނިހާދު ގެއިން ނުކުތް ވަގުތެވެ. ނިހާދު ޝައްކުގެ ނަޒަރުން ފަހަރަކު މީހަކަށް ބަލައިލިއެވެ. ރާއިދު ލޯމަތިން ގެއްލެންދެން އެގޮތުގައި ހުރުމަށްފަހު ނުހަނު ބާރަށް ފިރާޝާއަށް ގޮވައިލިއެވެ. ފިރާޝާ ސިހިފައި ބަލައިލިއެވެ. އެންމެ ފުރަތަމަ ވެސް އޭނާއަށް ބެލުނީ ރާއިދު ފެނޭތޯއެވެ. މަޞްލަހަތު ގޯސްވީ އެ ހިސާބުންނެވެ. ނިހާދަށް އިތުރު ސުވާލެއް ކުރާކަށް ނުޖެހުނެވެ. މަންޒަރު ސާފުވެ މަންޒަރުގައި ކުލަވެސް ޖެހިއްޖެއެވެ. އޭގެ އެންމެ ނުބައި ގޮތަށެވެ.

"ކަލޭ ދުވަހަކު ވެސް ރަނގަޅެއް ނުވާނެ." ނިހާދުގެ ދެލޮލުން އަލިފާން ކަނި ބުރައިލިއެވެ. "ފިރިހެނުން ލިބޭވަރު މަދުވެގެން އެ ޖަނަވާރާ ތި ވާހަކަ ދައްކަނީ. ތި އެތި ކައިރީގައި މަށަކަށް ނުބުނެވޭތަ އޭނާއާ ވާހަކަ ދައްކައިގެން ނުވާނޭ! ކަންފަތަށް ކޯއްޗެއް އެޅިގެންތަ ތިއުޅެނީ. މަ އަދި ކަލެޔެއް ވަރިއެއް ނުކުރަމޭ. މަށަށް ސިއްރުން ތި ކުޅޭ ކުޅިގަނޑުގެ ހިތި މިއަދު ކަލެޔަށް ދައްކާލާނަން. ލޮލުގެ ހިމަކޮޅުން ވެސް އޭނައަށް ބަލާނުލާވަރުކޮށްލާނަން."

ނިހާދު އަތުގައި އޮތް ސިނގިރޭޓް ބުރި ފައިދަށުލައި ޗިސްކޮށްލި ގޮތުން ވެސް ފިރާޝާގެ މޭ ގުޑައިގެން ދިޔައެވެ. ނިހާދު ގާތަށް ފިޔަވަޅެއް އަޅައިލުމާއެކު ފިރާޝާއަށް ހިންދިރުވައިލެވުނެވެ. އިސްޖަހައިލެވުނެވެ. މާފަށް އެދެން އިސްއުފުލައިލިއިރު ފެނުނީ ހަލުވި ހިނގުމެއްގައި ނިހާދު ގޮސް ގެއަށް ވަން މަންޒަރެވެ. ފިރާޝާއަށް އަނިޔާއެއް ނުލިބުމުން ވެސް އޭނާގެ ހިތަށް ތަޞައްލީއެއް ނުލިބުނެވެ. ފިރާޝާގެ ގައިގައި އިނގިލިކުރި ވެސް ޖައްސައިނުލައި ދިޔުން އެއީ ނިހާދުގެ ޠަބީޢަތެއް ނޫނެވެ. ނިހާދު ކުރަން އެ އުޅެނީ ކޮންކަމެއް ހެއްޔެވެ؟ ވިސްނަން ހުއްޓައި ކުއްލިއަކަށް ރީޝާ ހަޅޭލަވައިގަތް އަޑު އިވުނެވެ. ފިރާޝާގެ ދެލޯ މުދުނުގައި ޖެހުނެވެ. ދެވަނަ ސިކުންތުގައި އިލޮށިފަތި އެއްލާލައިފައި، ދުވެފައި ގޮސް ހުރެވުނީ ގޭތެރޭގައެވެ.

ރީޝާގެ ކޮޓަރިއާ ހަމައަށް ދެވުނުއިރު ހުރީ ހާސްވެގެން ގޮސް ރޮވެން ކައިރިވެފައެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ރީޝާގެ ރުއިމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ދޮރުގައި ދެއަތުން ތަޅަމުން ފިރާޝާއަށް ރޮއެ ގަނެވުނީއެވެ. ރީޝާއަށް ގޮތެއް ނުހެދުމަށް އާދޭސް ކުރަމުންނެވެ. އެހެނަސް އެ އާދޭސްތައް ވެގެން ދިޔައީ ކަނޑު މެދުގައި އަޅައިލެވުނު ރޮނގަކަށެވެ. ދޮރު ނުހުޅުވައި ވޭތުވަމުން ދިޔަ ކޮންމެ މިނެޓެއް ގަޑިއިރަކަށް ދިގުދެމިގެންދާ ހެން ފިރާޝާއަށް ހީވިއެވެ.

ފަސްމިނެޓް ފަހުން ނިހާދު ދޮރު ހުޅުވިއެވެ. ފިރާޝާ އަވަސްއަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. އެޔާއެކު ފެނުނު މަންޒަރުން މުޅި މީހާ ގަނޑުކޮށްލިއެވެ. މުޅި ޖިސްމުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. ނޭވާލާން ވެސް ހަނދާން ނެތުނެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ރީޝާ ލައިގެން ހުރި ހެދުން ވަނީ ވީދައި ކުދިކުދިކޮށް ލައިފައެވެ. ހަރުވާޅާއި ލައިގެން ހުރި ޖަންގިޔާގަނޑު އޮތީ އެނދު ބުޑުގައެވެ. އެތަނުގައި ހިނގައިދިޔަ ކަންކަން ދެނެގަންނާކަށް އެ މަންޒަރު ފެނުން މުހިންމެއް ނޫނެވެ. ރީޝާގެ ދެލޮލުން ފެންނަ ބިރުކަމާއި އެނދުގެ ކަނަށް ޖެހިފައިން އިން ގޮތް އެކަމަށް ފުދެއެވެ. ފިރާޝާގެ ލޭ ހޫނުވެގެން ދިޔައެވެ. ނިހާދާ ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލިއެވެ. ކުއްލިއަކަށް ފުންމައިގެން އަރައި އެ މޫނުގައި ތަޅައިގަނެވުނީ ކޮންތަނަކުން ލިބުނު ހިތްވަރަކުންކަމެއް ވެސް ފިރާޝާއަކަށް ނޭނގެއެވެ. ނިހާދަށް ވެސް ސިހުމެއް ލިބުނުކަން ޔަޤީނެވެ.

"ޖަނަވާރު. މަރާލާނަން." ފިރާޝާ ދެދަތްޕިލައަށް ބާރުލަމުން ކިޔަމުން ދިޔައެވެ. "ތި އިންސާނެއްގެ ސިފައިގައި ހުރި ޝައިތާނެއް. ކަލޭގެ ހިތުގައި ރަހުމެއް ކުލުނެއް ނެތީތަ؟ ހަޔާތްކުޑަ! ގޮތްކުޑަ! ކުޑަކުޑަ މަޢުސޫމު ކުއްޖަކަށް އެހެން ހަދަން ލަދު ނުގަންނަނީ. ތީ ފައްކާ ޝައިޠާނެއް."

ފިރާޝާގެ ތޫނު ނިޔަފަތިތަކުން ނިހާދުގެ މޫނު ހަންގަނޑު ނޮޅައިލިއެވެ. އަރައިގަތް ދިލައިގެ ސަބަބުން ނިހާދުގެ ރުޅި ސަތޭކައަށް އެރިއެވެ. ފިރާޝާގެ ދެއަތުގައި ހިފައި ތިރިކޮށްލަމުން، ގޮށް މުއްކަވާފައި ނޭފަތް މަތީގައި ޖެހިއެވެ. ފިރާޝާގެ މޫނުން ކުދިކޮކާ ބުރައިލިއެވެ. މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. އޭނާ އެއް އަރިއަކަށް ގޮސް ތަޅުންގަނޑު މައްޗަށް ޖެހުނެވެ.

"ދެން އެ ރާއިދުއާ އަނގައިން ބުންޏަސް މިޔަށްވުރެ ބޮޑުވަރުކޮށްލައިނާން." ރީޝާއަށް ދެވުނު އަނިޔާއަށް ނިހާދު ކުޑަކޮށް ވެސް ދެރައެއް ނުވެއެވެ. އެ ހިތުގައި ރީޝާގެ މައްޗަށް ކުޑަވެސް ލޯތްބެއް ނުވާކަމަށް ފިރާޝާއަށް ޔަޤީންވީ އެ ދުވަހުއެވެ.

ފިރާޝާގެ މުޅި ޖިސްމު ރޫރޫ އަޅަމުންދިޔައެވެ. ރީޝާއާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު ކުށްވެރިކަން އިޙްސާސްކުރެވުނެވެ. ރީޝާ ގަޔާލައި ބޮނޑިކޮށްލައިގެން އިނދެ އެތައް އިރަކު އޭނާ ރުޔެވެ. ގިސްލަގިސްލައިފައެވެ. އެތައް ފަހަރަކު މާފަށް އެދުނެވެ. ކުށްވެރިޔަކީ އޭނާކަމުގައި ބުނަމުންނެވެ.

ރީޝާއަށް ލިބިފައިވާ ގެއްލުންތައް ފިރާޝާ ވަރަށް ގާތުން ބެލިއެވެ. ޖިންސީގޮތުން އެއްވެސް ގޯނާއެއްކޮށްފައި ނެތްކަން އެނގުމުން ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެއީ ނިހާދު ދިން އިންޒާރެކެވެ. ދެވަނަ ދުވަހު އެއަށްވުރެ ބޮޑުވަރު ކޮށްލާނެކަމަށް ވަނީ ބުނެފައެވެ. އެފަދަ އަނިޔާއެއް ރީޝާއަށް ލިބުމުގެ ކުރިން ފިޔަވަޅު އެޅުން ބުއްދިވެރިއެވެ. އެހެނަސް އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އެމީހުންނަށް އިންސާފު ހޯދައިދޭން ތިބޭ މީހުންވެސް ތިބީ ނިހާދުގެ ގޮށްމުށުގެ ބާރުގެ ދަށުގައެވެ. އެރަށުން ފިލައިގެން ދާންވީ ހެއްޔެވެ؟ ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ ފިރާޝާ ވަރަށް ވިސްނިއެވެ. ނިހާދު ވަނީ އޭނާ މުޅި ރަށަށް ބޭޒާރުކޮށްފައެވެ. އެރަށު އެންމެން ކުރިމަތީގައި ފިރާޝާއަކީ ހަވަރުތުންފުއްސެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާއާ ހެޔޮއެދިގެން އަނގައިން ބުނެ އުޅެނީ ވެސް ރާއިދު ކަހަލަ މަދު މީހެކެވެ.

ފިރާޝާ އިންތިޒާރުކުރީ ރަނގަޅު ދަނޑިވަޅަކަށެވެ. އެ ފުރުޞަތު ތަނަވަސްވީ ދެ ދުވަސްފަހުންނެވެ. އެއީ ނިހާދު އެކުވެރިންނާއެކު ރިސޯޓަށް "މަޖާ" ކުރަން ދިޔަ ރެއެކެވެ. ރީޝާ ނިންދަވަން އެނދުގައި ބާއްވައިފައި ފިރާޝާ ނުކުތީ ބޭރަށެވެ. ރާއިދު ގެޔަށް ގޮސް ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. ރާއިދުގެ އަންހެނުން ނިޔާވިފަހުން، އެގޭގައި ރާއިދުގެ މަންމަ ނޫން އިތުރު އަންހެނަކު އުޅޭކަމެއް ފިރާޝާއަށް އެނގިފައެއް ނެތެވެ. ފިރާޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އެތަނަށް ނަވީލް އަޔެވެ. އެއީ ރާއިދުގެ ހުރި ހަމައެކަނި ދަރިފުޅެވެ.

"ބައްޕަ ކައިރީ ބުނެބަލަ. ދައްތަ ބުންޏޭ ގެއަށް އައިސްދީ ބަލާށޭ." ފިރާޝާ އެހެން ބުނެފައި، އެ އަންހެންމީހާއަށް ހިނިތުންވުމެއްދީފައި ނުކުމެގެން ދިޔައީއެވެ.

ފިރާޝާ ގެއަށް ގޮސް ބޭރު ޖޯލީގައި އިށީންއިރު ފަހަތުން އައިސް ރާއިދު ހުރީ އެ ގޯތި ތެރޭގައެވެ. ރާއިދު ގޮސް ފިރާޝާގެ ގާތުގައި އިށީނެވެ. ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެވެ. ރާއިދު އިނީ ފިރާޝާ ވާހަކަ ދައްކަން ފުރުޞަތު ދީގެންނެވެ. ފިރާޝާ އިނީ ފަށާނެ ހިސާބެއް ނޭނގިފައެވެ.

"ހިތަށް އަރާދޯ. ކޮންކަމަކުބާއޭ." ދެމީހުންގެ ދެމެދުގައި ވި ހަމަހިމޭންކަން ދިގުލައިދާން ފެށުމުން ފިރާޝާ ވާހަކަ ދައްކަން ފެށިއެވެ.

"ހިތަށް އަރަނީ ފިރާއާ ވާހަކަ ނުދައްކަން ބުނެފައި، ފިރާ އަހަރެން މި ގެއަށް ތި ގެނައީ ވަރަށް ބޮޑުކަމަކު ކިޔަންށޭ." ރާއިދު ހިތުގައި އޮތް ގޮތަށް ބުނެލިއެވެ.

"ވަރަށް ބޮޑު ކަމަކު ކިޔަން." ފިރާޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކުރަންއުޅޭ ކަންތައްކުރުމަށް ނުހަނު ހިތްވަރު ބޭނުންވެއެވެ.

"ބުނޭ. އަވަހަށް ބުނޭ. ފިރާ ބުނި ކޮންމެކަމެއް ހެޔޮހިތުން ކޮށްދޭނަން." ރާއިދު އިއްވައިލިއެވެ.

ފިރާޝާ މަޑުމަޑުން ރާއިދުގެ ދެލޮލަށް ނަޒަރު ސީދާކޮށްލިއެވެ. އެ ދެލޮލުގައި ވަނީ އޯގާތެރިކަމާއި އަޅައިލުމެވެ. ފިރިމީހާގެ ކިބައިން ލިބުމަށް އުންމީދުކުރި ލޯބިވެސް އެ ދެލޮލުން ފެނެއެވެ. އެއީ އެއްވެސް އެދުމެއްނުވާ ސާފު ޠާހިރު ލޯތްބެއްކަން ޔަޤީނެވެ. ފިރާޝާއަށް ބޭއިޚްތިޔާރުގައި އަތް ހިއްލައިލެވުނެވެ. ރާއިދުގެ ކޮލުގައި އިނގިލިތައް ޖައްސައިލެވުނެވެ.

"ފިރާޝާއާ އިންނަން ބުންޏަސް މިހުރީ އިންނަން ވެސް ތައްޔާރަށް." ރާއިދު އަތް ހިއްލައިލަމުން ފިރާޝާގެ އިނގިލިތަކުގައި ހިފައިލިއެވެ.

ފިރާޝާއަށް ކުރެވުނު ކަންތައް އިޙްސާސްވީއިރު އެ މޫނަށް ލަދުވެތިކަން ފޭދިގެން ހިނގައްޖެއެވެ.

(ނުނިމޭ)

*ހަތަރުވަނަ ބައި އަންގާރަ ދުވަހު*

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުނިޔަ

    ތީކޮންކަހަލަ އަމައެއް...ކުޑަ ދަރިއަކަށްއަށް އަނިޔާކުރުވަން ...މަޖުބޫރޭ ސަންދޯކޭ ކިޔަކިޔާ ހުންނަންޖެހޭތަ؟ ނިކަން ކެރިގެން ނުކުމެބަލަ!

    16