ބޮކްސިންގ ގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން މައިކް ޓައިސަން އަނެއްކާވެސް އެނބުރި އެ ކުޅިވަރު ފަށަން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ޓައިސަން މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯ އަކުން ފެންނަ ގޮތުގައި އޭނާ އަންނަނީ ވަރަށް ގަދައަށް ޓްރެއިނިންތައް ހަދަަމުންނެވެ. ބްރެޒިލްގެ ރަފައޭލް ކޯޑެއިރޯގެ އިރުޝާދުގެ ދަށުން ޓައިސަން ތަމްރީން ހަދަމުން އަންނައިރު، ވީޑިއޯ ނިމޭ ތަންކޮޅުން “އައި އޭމް ބެކް“ ނުވަތަ ”އަހަރެން އަނެއްކާވެސް އެނބުރި މި އައީ“ މިހެން ޓައިސަން ބުނެފައި ވެއެވެ.

ޓައިސަން އިންސްޓަގްރާމްގައި އާއްމު ކުރި ވީޑިއޯ އަކީ ބަޔަކަށް ކުޅުނު އިޝްތިހާރެއް ނަމަވެސް، އޭނާ އެނބުރި ބޮކްސިންގ އަށް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މި ވީޑިއޯ އާއި އެކު ލަވަކިޔުންތެރިޔާ އަދި މީގެ ކުރިން ބޮކްސިންގ ގައި އުޅެފައިވާ 50-ސެންޓް ބުނެފައި ވަނީ ޓައިސަން އަށް އަދިވެސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓައިސަން އެނބުރި އަތުވެދާނެތީ މިހާރު ބިރުން ތިބިކަމަށް ބައެއް ޒުވާން ބޮކްސަރުން ބުނަމުން އަންނަައިރު، ޓައިސަންގެ ކޯޗު ބުނެފައި ވަނީ އޭނާގެ އުމުރުން 53 އަހަރު ވި ނަމަވެސް ޓައިސަންގެ ހަށިގަނޑުން އަދިވެސް ބޮކްސިން ކުރާއިރު ދައްކަނީ 21 އަހަރުގެ ޒުވާނެއްގެ ގައިން ފެންނަ ޖޯޝާއި ބުންވަރު ކަމަށެވެ.

ޓައިސަން ރަސްމީކޮށް ބޮކްސިންގ ނުކުރާތާ މިހާރު ވަނީ 15 އަހަރަށް ވުރެން ގިނަ ދުވަސް ވެފައެވެ.