ރަޝިއާގެ އެންމެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ އެލެކްސެންޑާ ޕިސަރޭވް ކާނާ ވިހަވުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ރަޝިއާގެ އެމްއެމްއޭ ތަރި ޕިސަރޭވް 33 މަރުވެފައި އޮއްވައި މިދިޔަ އާދިއްތަ ދުވަހު ފެނިފައި ވަނީ އޭނާގެ ބައްޕަ ދިރިއުޅޭ މޮސްކޯގެ އެޕާޓްމަންޓް ތެރޭގައެވެ.

ރަޝިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ޕިސަރޭވް މަރުވެފައި ވަނީ ކަރައެއް ކައިގެން ނިދި ފަހުންނެވެ. އޭނާ އަށް ސިއްހީ އެއްވެސް މައްސަލައެއް މީގެކުރިން ދިމާވެފައި ނުވާ ކަމަށްވެއެވެ. ބޮކްސިން ތެޅުންތެރިޔާގެ މަރު ކަށަވަރު ކުރި އިރު، އޭނާ މަރުވެފައި ވަނީ ވެސް ކާނާ ވިހަވުމުގެ ސަބަބުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕިސަރޭވްގެ އަންހެނުން ވެސް މިހާރު ވަނީ އެޑްމިޓްކޮށްފައެވެ. އެ ދެމަފިރިން ކަރާގެ އިތުރުން އެހެން ބައެއް ތަކެތި ވެސް ކެއި ކަމަށްވެއެވެ.

ބޮކްސިން ތެޅުންތެރިޔާގެ ބައްޕަ އިގޯ ލަޑިމިރޮވިޗް ބުނީ އޭނާ ގެއަށް އައިއިރު، ދަރިފުޅު އެއްވެސް ނޭވާއެއް ނުލާ އޮތް ކަން ފާހަގަ ކުރެވުނު ކަމަށެވެ. އެކަން ފާހަގަވީ ދަރިފުޅު ގާތަށް ގޮސް ބެލުމުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކޮޓަރިއާ ދިމާލަށް ބެލި އިރު، ޕިސަރޭވް އާއި އޭނާގެ އަންހެނުން އޮތީ ނިދާފައި. އަހަރެން ތަންކޮޅެއް ކައިރި އަށް ޖެހިލީމަ އެނގުނީ އަހަރެންގެ ދަރިފުޅު ނޭވާ ނުލާ ކަން،" ބައްޕަ ބުނެފައިވެއެވެ.

ޕިސަރޭވްއަކީ ބޮކްސިން ތެޅުމުގައި ކާމިޔާބު ހޯދާފައިވާ ތަރިއެކެވެ. އޭނާ އޭގެ ޗެމްޕިއަން ކަން ވެސް ކުރި އިރު، ބައެއް މުބާރާތްތަކުގެ ފައިނަލާ ހަމައަށް ވެސް އޭނާ ގޮސްފައިވެއެވެ.