އިނގިރޭސިވިލާތުގައި މަގްބޫލުކަން ހޯދާފައިވާ ބޮކްސިންގް ތަރި އާމިރު ހާން ކްރިސްމަސް ދުވަހު ކާރު ދުއްވުމުގެ ތެރޭގައި އާއްމުކޮށްފައިވާ ވީޑިއޯ އަކާއި ގުޅިގެން ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.

ދަ ސަން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޔޫޓިއުބްގައި އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ގޮސްފައިވަނީ ރޭންޖް ރޯވާ ކާރު ދުއްވަމުން ދިޔަ ވަގުތުގައި އަށް މިނެޓް ވަންދެން ފޭނުންނާއި ވާހަކަ ދައްކަމުން ދިޔަ މަންޒަރެވެ.

އެ ނޫހުގައި ބުނެފައިވަނީ 35 އަހަރުގެ އާމިރު އެވަގުތު ދިޔައީ އޭނާގެ މޯބައިލް ފޯނުގައި ހުރި މެސެޖްތައް ކިޔަމުންނެވެ.

ގްރޭޓާ މެންޗެސްޓަރ ޕޮލިސް (ޖީއެމްޕީ)އިން ބުނެފައިވަނީ އެ ވިޑިއޯގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންގެންދާކަމަށެވެ.

"މި މަހު ދެ ވަނަ ދުވަހު ދުއްވަމުންދިޔަ ވެހިކަލަކުން ކޮށްފައިވާ ވީީޑިއޯއެއް އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމުން އެކަން ދަނީ ބަލަމުން".

ވެހިކަލެއް ދުއްވަމުން ދާއިރު، ފޯނުން ވާހަކަ ދެއްކުމާއި، ޕޯނުގެ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

މިހާރު ޑިލެޓްކޮށްފައިވާ އެ ވީޑިއޯއިން އާމިރު އޭނާގެ ފޯނުގެ ސްކްރީންގައި އަތް ލާ މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ.

އާމިރުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ވީޑިއޯ ގުޅިގެން އެއްޗެކެ ބުނަން ދެކޮޅު ހަދާފައެވެ.

ފާހަނގަކޮށްލަން ޖެހޭ ކަމަކީ 2007 ވަނަ އަހަރުގައި ވެހިކަލް ދުއްވުމުގައި ފަރުވާ ކުޑަ ކުރި ކަމަށް ބުނެ އޭނާގެ ދުއްވުމުގެ ލައިސަންސް ހަމަސް ދުވަހަށް ބޭނުން ނުކުރެވޭ ގޮތް ހެދި ކަމެވެ.

އާމިރް ހާން އަކީ ބޮކްސަރެއްގެ އިތުރުން މުނިފޫހި ފިލުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރާ ފަރާޔެއްވެސް ވެސް މެއެވެ.