ޔޫކްރެއިނަށް އަރައިގަނެ، ރަޝިއާ އިން ދެމުންދާ ހަމަލާތަކުން ގައުމު ސަލާމަތް ކުރުމަށް ހަނގުރާމައިގެ މައިދާނަށް ކުރީގެ ބޮކްސިންގް ޗެމްޕިއަން އަދި ދެބެން ކަމަށްވާ ވްލަޑިމިއާ ކްލިޓްޝްކޯ އާއި ވިޓާލީ ކްލިޓްޝްކޯ ނުކުމެއްޖެއެވެ.

ވްލަޑިމިއާ އަދި ވިޓާލީ އަކީ ކުރީގެ ޕްރޮފެޝަނަލް ބޮކްސަރުންނެވެ. ދެބެންނަކީ ވެސް ކުރީގެ ހެވީ ވެއިޓް ޗެމްޕިއަނުންނެވެ.

ޔުކްރެއިންގެ ވެރިރަށް ކިއޭވްގެ މޭޔަރަކަށް ހުންނެވި ވިޓާލީގެ ކޮއްކޮ ވްލަޑިމިއާ ބުނީ އޭނާ އަކީ ފައިޓަރެއް ކަމަށާއި ޔުކްރެއިނު ދިފާއު ކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

" އަހަރެންނަކީ ޔުކްރެއިން މީހެއް. އަހަންނަކީ ފައިޓަރެއް. އަހަރެމެންނަނީ މިނިވަން ޔޫރަޕް ގައުމެއް. އަހަރެމެން ދިރިއުޅޭނެ ގޮތް އެނގޭނީ އަހަރުމެންނަށް. އެކަން ނިންމާނީ އެހެން ބައެއް ނޫން. 1941 ގެ ފަހުން ކިއޭވް އަކަށް ހަމަލާއެއް ނާދޭ. އެހެންވެ މިއަދު ވަށައިގެން ބޮމުގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ޔުކްރެއިން ރައްޔިތުން ތަހައްމަލް ކުރާ ތަން ފެނުމުން ވަރަށް އެހެންކަހަލަ އަސަރެއް ކުރަނީ. ކިއޭވްގައި މިހާރު މި ހިނގަނީ ލާއިންސާނީ އަމަލުތައް. އެހެންކަމުން ކޮންމެ ގަޑިއިރެއްވެސް މުހިއްމު. އަހަރެމެންނަށް އެނގޭ އަހަރެމެން ދާންވީ ދިމާ،" އޭނާ ބުންޏެވެ.

ރަޝިއާ އިން ޔުކްރެއިނަށް އަރައިގަތުމުގެ ކުރިން ވްލަޑިމިއާ ވަނީ އެ ގައުމުގެ ސިފައިންގެ ފައުޖާ ގުޅިފައެވެ. އަދި ހަނގުރާމަ ފެށުމާއެކު އޭނާގެ ބޭބެ ވިޓާލީ ވެސް ވަނީ ސިފައިންގެ ފައުޖާ ގުޅެން ނިންމައިފައެވެ.

ޔުކްރެއިނުގެ ވެރިރަށް ކިއޭވް ހިފުމަށް ރަޝިއާ އިން އަތްގަދަކުރަމުން އަންނައިރު އެތައް ހާސް ރަޝިއާ ސިފައިން އަންނަނީ ކިއޭވް ކައިރިއަށް ޖަމާވަމުންނެވެ.

ޔުކްރެއިނުގެ ދިފާއުގައި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކު ހަނގުރާމަ އަށް ނުކުންނަން އެގައުމުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އެދިވަޑައިގެންފައިވާއިރު އެ ގައުމުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ ފުރާނަ އަތް މައްޗަށް ލައިގެން ގައުމުގެ ދިފާއު ކުރަމުންނެވެ.

ކްލިޓްޝްކޯ ދެބެންގެ އިތުރުން މިހާރު ދުނިޔޭގެ ހެވީ ވެއިޓް ޗެމްޕިއަން އޮލެކްސަންޑާ އޫސެކް ވެސް ވަނީ ލަންޑަނުން އެނބުރި ޔުކްރެއިނަށް ގޮސް ހަނގުރާމައާ ގުޅިފައެވެ. އޫސެކް ގައުމުގެ ދިފާއުގައި އައީ މަޝްހޫރު ބޮކްސަރ އެންތޮނީ ޖޯޝުއާ އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ތައްޔާރީތައް މަޑުޖައްސާލައިފައެވެ. އެ މެޗުން އޭނާ އަށް ބޮޑު އާމްދަނީ އަށް ލިބެން އޮއްވާ އޫސެކް ގައުމުގެ ދިފާއުގައި ޔުކްރެއިނަށް އައުމުން މިވަގުތު ޔުކްރެއިނުގެ އެންމެނަށް ވެސް ހުރިހާ ކަމަކަށް ވުރެ މުހިއްމީ އެމީހުންގެ ގައުމު ކަން ދޭހަވެއެވެ.