ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ޤައުމުތަކުގައި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ ތާރީޚުތައް، ދިރާސާގެ އަލީގައި އަންދާޒާކޮށްފިއެވެ.

ސިންގްޕޫރު ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން އިން، ފަރުމާކޮށްފައިވާ މޮޑެލްއެއްގެ ޒަރިއްޔާއިން މި ތާރީޚުތައް އަންދާޒާކޮށްފައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޤައުމުތަކުގައި ބަލި ފެތުރުނު މިންވަރާއި ބައްޔާއި ގުޅުންހުރި ގިނަ މަޢުލޫމާތުތައް އެއްކޮށްގެން ހޯދި ހޯދުންތަކަށްފަހު އެވެ.

މޭއި 7 އާއި ހަމައަށް އެއްކޮށްފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ސިންގްޕޫރު ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން އިން ކުރިޔަށްގެންދިޔަ ދިރާސާގެ އަލީގައި، ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމުތަކުގައި، މި ބަލި ކޮންޓްރޯލް ކުރެވޭނެ ތާރީޚުތައް އަންދާޒާކޮށްފައި ވެއެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ، ފްރާންސް، ސްޕެއިން، ޖާމަނީ، އިންޑިއާ އަދި ތުރުކީ ހިމެނެއެވެ.

މި ދިރާސާގެ އަލީގައި ހޯދާފައިވާ ހޯދުންތަކަށްފަހު ސިންގްޕޫރު ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިންގެ ތަޖުރިބާކާރުން ބުނެފައިވަނީ، ކޮވިޑް-19 ގެ ނުރައްކަލާއި މުޅި ދުނިޔެވެސް އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިމަތިލާނެ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ދުނިޔެއިން މި ބަލިމަޑުކަން ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސިންގްޕޫރު ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން އިން، ދިރާސާގެ އަލީގައި ބައެއް ޤައުމުތަކުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އަންދާޒާކުރާ ތާރީޚުތަކަށް ބަލާއިރު، ފްރާންސް، ސްޕެއިން އަދި ޖާމަނީން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވިފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގައެވެ. އަދި އިނގިރޭސިވިލާތާއި ތުރުކީން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވިފައިވާއިރު، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އިޓަލީ އަދި އިންޑިއާއިން މި ބަލި ކޮންޓްރޯލް ކުރެވޭނީ މިއަހަރުގެ އޮކްޓޫބަރު މަހުގައި ކަމަށް ލަފާކޮށްފައި ވެއެވެ.

ދިރާސާވެރިން ބުނެފައިވާ ގޮތުގައި، މި ތާރީޚުތަކަކީ މިހާތަނަށް ބަލި ފެތުރެމުންދިޔަ ގޮތަށް ބެލުމަށްފަހު އަންދާޒާކުރާ ތާރީޚުތަކެއް ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ތަނުގައި ހާލަތު ބަލަދުވެދާ ގޮތަކުން މި ތާރީޚުތަކަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 4.9 މިލިއަން އަށް އަރައެވެ. އަދި މި ބަލީގައި 324,449 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި ބައްޔަށް އަދި ކާމިޔާބު ވެކްސިނެއް ބޭނުންކުރެވެން ފެށިފައި ނުވާއިރު، މިއަހަރުގެ ފަހުކޮޅު ވެކްސިނެއް ތައްޔާރު ކުރެވޭނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެން ދިޔަ ނަމަވެސް، މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ ބަލި ފެތުރޭ މިންވަރު ވަނީ ދަށްވާން ފަށާފައެވެ. ޚާއްސަކޮށް އެންމެ ބޮޑަށް މިބަލި ފެތުރެމުންދިޔަ އެމެރިކާގައި ބަލި ކޮންޓްރޯލްވުމުގެ މަލަމަތި ވަނީ ފެންނާން ފަށާފައެވެ.