އަވައްޓެރި އިންޑިއާގައި އަންހެނަކު ވިހެއުމަށްފަހު ތުއްތު ދަރިފުޅު ގޮވައިގެން 160 ކިލޯމީޓަރަށް ފައިމަގުގައި ދަތުރުކުރި ހާދިސާއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ..

ރިޕޯޓްތައް ބުނާގޮތުން އެ އަންހެން މީހާ ވިހެއީ، ކޮވިޑް-19 އާއި ގުޅިގެން އޭނާގެ ފިރިމީހާ އަދާކުރަމުންދިޔަ ވަޒީފާ ގެއްލި އާއިލާ މަގުމަތިވުމުން، ހިނގާފައި އެނބުރި އޭނާ ނިސްބަތްވާ އަވަށަށް ދިޔަ މަގުމަތީގައެވެ. އޭނާ ގެއަށް ދިއުމަށް މި ދިގު ދަތުރުކޮށްފައި ވަނީ ބަލިވެ އިނދެ، ފިރިމީހާ އާއި އިތުރު ހަތަރު ދަރިންނާއި ވެސް އެކުގައެވެ.

ނޫސްތައް ބުނާގޮތުން އެ އަންހެންމީހާ ވިހެއީ ބަނޑުގައި ރިއްސަން ފެށުމުން މަގުމަތީގައެވެ. އެއަށްފަހު ދޮޅުގަޑިއެއްހާއިރު އަރާމު ކުރުމަށްފަހު އަނެއްކާވެސް ވަނީ ދަތުރު ފަށާފައެވެ. އާއިލާއާއެކު އެ އަންހެން މީހާ އަނބުރާ އަވަށަށް ދިއުމަށް ކުރި އެ ދަތުރު ފައިމަގުގައި ކުރަން ޖެހުނީ، އަވަށަށް އެމީހުން ގެންގޮސްދިނުމަށް އެއްވެސް ބަޔަކު އެއްބަސްނުވުމާއެކު، ބަހުގައި ނުވަތަ ރޭލުގައި ދަތުރުކުރުމަށް ފައިސާ ނެތުމުންނެވެ.

އެ އަންހެން މީހާ އާއި އޭނާގެ އާއިލާ ފައިމަގުގައި ދަތުރުކޮށްފައި ދިޔައީ، މަހާރަޝްތްރާ ސްޓޭޓުގެ ނަޝީކް ސިޓީން، އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ ސަޓްނާ ނަމަކަށްކިޔާ އަވަށަކަށެވެ. ދަތުރުމަތީގައި ވިހެއުމަށްފަހު އަލުން ދަތުރު ފެށިތާ ހަތަރު ދުވަސްފަހުން އެމީހުން ހުއްޓުވާފައި ވަނީ މަދިޔަ ޕްރަދޭޝްގެ ޗެކްޕޮއިންޓެއްގައި ތިބި ފުލުހުންނެވެ.

އެއައެކު ފުލުހުން ވަނީ އެއާއިލާއަށް އެހީތެރިވެ، އެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަކަށް އެމީހުން ގެންގޮސްދީފައެވެ. މިހާރު އެ އަންހެން މީހާ އާއި އޭނާގެ އާއިލާގެ އެހެން މެމްބަރުންވެސް އެ ފެސިލިޓީގައި ތިބިއިރު، އެމީހުން ގެއަށް އަނބުރާ ފޮނުވާލާނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުންނެވެ.

މިހާދިސާގައި އަންހެން މީހާ ވިހެއީ މަގުމަތީގައި ކަމަށްވެފައި، ވިހެއުމަށްފަހު ތުއްތު ދަރިފުޅު ގޮވައިގެން އޭނާ ދިގު ދަތުރެއް ކޮށްފައިވީނަމަވެސް އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އެޤައުމު ފުރަބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ގިނަ ބަޔަކު ވަޒީފާ ގެއްލި އަނބުރާ އެމީހުން ނިސްބަތްވާ އަވަށްތަކަށް ދެވޭނެގޮތް ހަމަނުޖެހި ގޮތް ހުސްވެފައިވެއެވެ. އޭގެތެރެއިން ބައެއް މީހުން ފައިމަގުގައި ދުރު ހިސާބުތަކަށް ދަތުރުކުރަމުން އަންނައިރު، މީގެ ކުރިން ހިނގި ހާދިސާއެއްގައި އެގޮތަށް ދަތުރުކުރި ބަޔަކު ރޭލެއްގެ ދަށުވެގެންވެސް މަރުވެފައި ވެއެވެ. މީގެ އިތުރުން ހިނގާފައި ދިޔަ ބަޔަކު ބަހެއް ދަށުވެގެންވެސް ދާދިފަހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ﷲ ގެ ކުޅަދުންވަންތަކަން..