އަވައްޓެރި އިންޑިއާގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ނުކުޅެދޭ ބައްޕަ ގޮވައިގެން 1200 ކިލޯމީޓަރަށް ބައިސްކަލެއްގައި ދަތުރުކޮށްފިއެވެ.

ޖިޔޯތީ ކުމާރީ ނަމަކަށްކިޔާ އެ އަންހެން ކުއްޖާ އޭނާގެ ބައްޕަ ގޮވައިގެން މިހައި ދުރު ރާސްތާއަކަށް ދަތުރުކުރަން ޖެހުނީ، ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ލިބޭނެ ހުރިހާ ދޮރެއް ބަންދުވުމުން، ދިއްލީގައި ތިބެފައި އެޤައުމުގެ އިރުމަތީގައި އޮންނަ އެމީހުންގެ އަވަށަށް ދިއުމަށްޓަކައެވެ.

"ބައްޕަ ގޮވައިގެން ގެޔަށް ދިއުން ނޫން އިތުރު ގޮތެއް ނެތުމުން އަހަރެން ނިންމީ ބައިސްކަލުގައި ދަތުރު ފެށުމަށް. އެ ދަތުރު ނުކުރިނަމަ އަހަރެމެން ދެމީހުންވެސް ސަލާމަތްނުވީސް،" ކުމާރީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މިކަން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، ގިނަ ބަޔަކު ދަނީ ކުމާރީގެ ހިތްވަރުގަދަކަމަށް ތަޢުރީފު ކުރަމުންނެވެ.

ކުމާރީގެ ބައްޕައަކީ ކުރިން ހިނގި އެކްސިޑެންޓެއްގައި ފަޔަށް އަނިޔާ ލިބި ހިނގައިބިނގައިވެ ނޫޅެވޭ މީހެކެވެ. އުފަން އަވަށް ދޫކޮށް ނިއުދިއްލީގައި އޭނާ ދަރިފުޅާއެކު އުޅެމުން އައިއިރު، އާމްދަނީ ހޯދުމަށް އޮޓޯރިކްޝާއެއް ދުއްވައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ހިންގަމުންދާ ފުރަބަންދުގެ ފިޔަވަޅުތަކާއެކު އާމްދަނީ ހޯދުމުގެ ދޮރު އެމީހުންނަށް ވަނީ ބަންދުވެފައެވެ.

އޭނާގެ ކުޑަ ދަރިފުޅު ބައްޕަ ގޮވައިގެން ބައިސްކަލުގައި އަވަށަށްދާން ދަތުރުކުރަން ޖެހުނީ، ފުރަބަންދުގެ މުއްދަތުގައި އޮޓޯގައި ދަތުރުކުރުންވެސް މަނާކޮށްފައި އޮތުމުންނެވެ.

ކުމާރީ ބުނެފައިވާ ގޮތުގައި މި ދަތުރަށް ގާތްގަނޑަކަށް ދިހަ ވަރަކަށް ދުވަސް ހޭދަވިއެވެ. ބައިސްކަލުގައި ބައްޕަ ގޮވައިގެން އޭނާ ދަތުރުކުރިއިރު ދޭތެރެ ދޭތެރެއިން އަރާމުކޮށް ކައިބޮއެ ހެދުމަށް އެކި ސަރަޙައްދުތަކަށް މަޑުކޮށްފައި ވެއެވެ. އެމީހުން ދަތުރުމަތީގައި ކައިބޮއެ ހަދާފައި ވަނީ ސަލާން ޖަހައިގެން ހޯދާ ތަކެތިން ކަމަށް އޭނާ ބުނެފައި ވެއެވެ.

ދިގު ދަތުރަކަށްފަހު ކުމާރީ އަށް އާއިލާ އާއި ބައްދަލުވެފައި ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިންނެވެ. އެ ދަތުރަކީ "ދުވަހަކުވެސް ހަނދާނުން ފިލުވާނުލެވޭނެ، އުނދަގޫ ދަތުރެއް" ކަމަށާއި "ދިމާވި ހުރިހާ ދައްޗަކާއެކުވެސް ގެއަށް އާދެވުމުން އުފާވާ" ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެންމެ ފައްކާ ޑިމޮކްރަސީ
    އެންމެ އިޤްތިޞާދު ވަރުގަދަ އެއް ގައުމު
    ފަގީރު މީހާ އުޅެން ޖެހޭ ހާލު މިހުރީ އެކަމު
    ހަމައެކަނި ހައްލަކީ އިސްލާމްދީން، މުއްސަނދިންގެ މުދަލުން ޒަކާތް ނަގަން ޖެހޭނެ ފަގީރުންނަށް ދޭން
    އެކަމު މިލިޔަނުން ލާރި ތައް މި ހޭދަ ކުރަނީ ކުޅިވަރު ކުޅޭ މީހުންނަށާއި ލަވަކިޔާ މީހުންނާ ފިލްމު ކުޅޭ މީހުންނަށާ ސިޔާސީ މީހުންނަށް

    11