ދިވެހިންނާ ހަމައަށް އެންމެ ތަފާތު ޝޯތައް ގެނެސްދިން އެކަކަށް ވާނީ އަހުމަދު އިގްބާލް އަބްދުލް ގަފޫރް އަބޫބަކުރު (އައިކިއު)އެވެ. ދިވެހިންގެ ތެރޭގައި އައިކިއުގެ ނަން މަޝްހޫރު ވެފައި އޮންނަނީ މޮޅު ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް މީޑިއާ ދާއިރާގައި އޭނާ މަޝްހޫރު ވެފައި އޮންނަނީ މޮޅު ޕްރޮޑިސަރެއްގެ ގޮތުގައެވެ. އައިކިއު ޝޯތައް އުފެއްދުމަށް މޮޅީއެވެ. އަދި އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް ރަނގަޅީއެވެ. އެ މީހުންގެ އަގު ވަޒަން ކުރުމާއި އެމީހުންނާ ގުޅޭ ޝޯތައް ގެނެސްދިނުމުގައި އުޅެނީ ވެސް އައިކިއުއެވެ.

ވިލިމާލޭގައި ދިރިއުޅެމުން އަންނަ އައިކިއު އަކީ މަޑުމައިތިރި މީހެކެވެ. ނަމަވެސް އޭނާއަކީ މީހުންގެ މޫނަށް ހިނިތުންވުން ގެނެސްދިނުމަށް ވަރަށް މަސައްކަތް ކުރާ މީހެކެވެ. ގަނާއާ ދެކޮޅަށް އަޑު އުފުލާ، އެކަމަށް މަސައްކަތް ކުރާވެސް މީހެކެވެ.

"ސްކޫލްގައި އުޅުނުއިރު ވަރަށް މަޑުން ހުންނަ ކުއްޖެއް މިއީ، ސްކޫލްގައި އުޅޭހެން ވެސް ހިއެއް ނުވާނެ، އިތުރު އެކްޓިވިޓީއެއްގައި ވެސް ނޫޅެން، އެކަކުން އިން ފަހަކާ ހަމައަށް އުޅުނިން ދިވެހި ކްލަބްގައި،" ތާޖުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރި އައިކިއު ބުންޏެވެ.

މީހުންނާއި ގާތް، ހާއްސަކޮށް ފިލްމީ ދާއިރާގެ ތަރިންނާއި ވަރަށް ގާތް މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އައިކިއު އަކީ ވަރަށް ބޮޑަށް ފިލްމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.

ފިލްމީ ތަރިން އެންމެ ލޯބިވާ އައިކިއު

"ވަރަށް ކުޑައިރުގަވެސް ވިސްނުމުގައި އިނދޭ ބޭނުމޭ، މި ދާއިރާގައި އުޅެން، ދެން އޭރުގައި ވަރަށް މަސައްކަތް ވެސް ކުރިން، އެކަމަކު އޭރު ފުރުސަތެއް ވެސް ނުލިބޭ، އޭރު ލިޔަން ވެސް ފެށިން، އެކަމަކު ލިޔުމަކީ އެހާ ކުރާ ހިތުން ފެށި ކަމެއް ނޫން، ބޭނުންވަނީ ސްޓޯރީތައް ކިޔައި ދޭން، ލިޔާކަށް ނޫން". އުމުރުން 17 އަހަރުގައި މީޑިއާނެޓަށް ވަން ފަހުން މީޑިއާ ދާއިރާއަށް ވަދެވުނު އައިކިއު ބުންޏެވެ.

އައިކިއު ބުނީ، ފުރަތަމަ މީޑިއާނެޓްގައި މަސައްކަތް ކުރީ އެ ތަނުގައި މެގަޒިންގައި ކަމަށެވެ. އެގޮތުން މެގަޒިންގެ ބޮޑުބައި މަސައްކަތްކޮށް މެނޭޖްކުރުމުގެ ޒިންމާ އަދާކުރަމުން ދިޔައީ އޭނާއެވެ. އެ މަސައްކަތުގައި އޭނާ 12 އަހަރު ހޭދަކުރިއެވެ.

"2001 އިން 2012 އާ ހަމައަށް އެ މެގަޒިންގެ މަސައްކަތުގައި އުޅުނީ، ދެން 2012 ގައި އޭތި ހުއްޓާލީ. އެހާ އިރު ވަންދެން މަސައްކަތް ކުރިން އޭގައި، މީޑިއާނެޓްގައި އުޅުނު އިރު ދެ ފަހަރެއްގެ މަތިން ކެނޑިފައި ވާނެ، ދެން ދިޓީވީގައި ވެސް މަސައްކަތް ކުރިން ދުވަސްކޮޅަކު، ވީޓީވީގައި ވެސް މަސައްކަތް ކުރިން ދުވަސްކޮޅަކު،" އައިކިއު ބުންޏެވެ.

އައިކިއު މިއީ ވާހަކަ ލިޔަންވެސް އެހާ މޮޅު މީހެއް

ނަމަވެސް ވީޓީވީ އާއި ދިޓީވީގައި އޭނާ ބޭނުންވާ ފަދަ މަސައްކަތެއް ކުރެވިގެން ނުދިޔައެވެ. އެހެންވެ އެތަންތަނުން ވަކިވެ ފަހުން ބަދަލު ވީ އައިސްޓީވީ އަށެވެ. 2014 ވަނަ އަހަރު އައިސް ޓީވީއަށް ވަދެ އެ ޓީވީގައި ވަރަށް ޝޯތައް އުފެއްދިއެވެ. އަދި ގިނަބައެއްގެ ސަމާލުކަން އެ ޝޯތަކަށް ލިބިގެންވެސް ދިޔައެވެ.

ހެޑް އޮފް ޕްރޮޑަކްޝަނެއްގެ ގޮތުގައި އައިސްޓީވީގައި އޭނާ ފަސް އަހަރު މަސައްކަތްކޮށް، އައިސް ޓީވީ ދޫކޮށްލީ އެ ޗެނަލްގެ މެނޭޖްމަންޓަށް އޭރު އައި ބަދަލާ އެކު ތައްޔާރުކުރި ޝޯތަކުގެ ފެންވަރު ދަށް ކަމަށް ފެނުމުން ކަމަށް އޭނާ ބުންޏެވެ.

އައިކިއު ބުނީ، އައިސް ޓީވީގެ ފުރަތަމަ ދެ ތިން އަހަރު މަސައްކަތް ކުރީ އެއްވެސް ވަސީލަތެއް ނެތި ކަމަށެވެ. އަދި ވަސީލަތްތައް ލިބުމާއެކު، އޭނާ އަމިއްލަ ޝޯއަކަށް ފެއްޓީ އަޒޯނެވެ.

އައިސް ޓީވީން ފެނިގެން ދިޔަ އަޒޯނާ ޝޯވ، މިއީ އައިކިއުގެ މަސައްކަތެއް

ރާއްޖޭގެ މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ ހޯސްޓެއްގެ ގޮތުގައި ފެނިގެން ދިޔަ އެ ޝޯގެ ދެ ސީޒަނެއް ގެނެސްދިން އިރު އެއީ ރާއްޖޭގައި މިފަދަ ގޮތަކަށް ފެނިގެން ދިޔަ، އަދި އެހާ މަގްބޫލުކަން ލިބިގެން ދިޔަ ފުރަތަމަ ޝޯއެވެ.

އޭގެ ފަހުން އޭނާ ވަނީ ލޯބިންގެ ނަމުގައި ޝޯއަކާއި، މީހުންގެ ވާހަކަ ނަމުގައިވެސް ޝޯއެއް ގެނެސްދީފައެވެ.

އައިކިއުގެ ލޯބިން ޝޯވގެ ސެޓްގެ ތެރެއިން

ބައިސްކޯފްގައި މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު، އައިކިއު ބުނީ، ބޮޑަށް އުޅެމުން ދަނީ މިހާރު ބައިސްކޯފްގެ ސީރީސްއެއް ކަމަށްވާ "އެހެނަސް"ގެ މަސައްކަތުގައި ކަމަށެވެ.

އެހެނަސް އަކީ އައިކިއުގެ ވާހަކައެއްގެ މައްޗަށް ގެނެސް ދެމުންދާ، މަގްބޫލު ސީރީސްއެކެވެ. އެ ސީރިސްގެ ފުރަތަމަ ސީޒަން މިހާރު ވަނީ ދައްކައި ނިމިފައެވެ. އަދި ދެވަނަ ސީޒަންގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެހެނަސްގެ ތަރިންނާއެކު އައިކިއު

މީގެ އިތުރުން ބައިސްކޯފުން ރޯދަ މަހު ގެނެސްދިން ލޮކްޑް އަޕް ޝޯއަކީވެސް އައިކިއުގެ ހިއްސާވާ މަސައްކަތެކެވެ. އެއީ ވަރަށް ތަފާތު ވަރަށް ގިނަ ވާހަކަތައް ގެނެސްދިން ޝޯއެކެވެ. އެ ޝޯގެ ޖުމްލަ 29 އެޕިސޯޑް ވަނީ ގެނެސްދީފައެވެ.

"އެހެނަސް އެންމެ ފުރަތަމަ ޕްރޮޖެކްޓަކަށް ނެގީ އަސްލު ބަޔަކަށް އުންމީދެއް ދޭން ބޭނުންވީ، މިފަދަ ކަންކަން ދިމާވެފައި ހުންނަ މީހުންނަށް އަދި އުއްމީދު އެބަ އޮތް ކަން ކުރިއަށް ދާން، ދެން ދައްކުވައި މިދެނީ އާންމުނަށް އެ އުންމީދަކީ އޭނާގެ އެކަނި ފަރާތުން ލިބޭނެ އެއްޗެއް ނޫން. އެހެން މީހުންގެ ފަރާތުންވެސް ލިބެން ޖެހޭ އެއްޗެކަން އަންގައިދޭން،" އައިކިއު ބުނެފައި ވެއެވެ.

ސީޒަން ދޭކަށް އިންތިޒާރު ކުރަމުންދާ މީހުންނަށް ވެސް އުފާވެރި ހަބަރެއްވެސް އެބަ އޮތެވެ. އެއީ މި ސީޒަންގެ އެޕިސޯޑްތައް ކުރީ ސީޒަނާއި އަޅާބަލާއިރު ދިގުވާނެއެވެ. އަދި ސީޒަން ދޭކުން ވެސް އިތުރު އާ ތަރިން ފެންނާނެ ކަމުގެ އުފާވެރި ހަބަރު އައިކިއު ވަނީ ދީފައެވެ.

އެހެނަސްގެ ތަރިންނާއެކު އައިކިއު

އައިކިއު ބުނީ، އެހެނަސް ސީޒަން ވަންގައި 10 އެޕިސޯޑް އިން ނަމަވެސް ސީޒަން ދޭއްގައި 12 އެޕިސޯޑު އިންނާނެ ކަމަށެވެ.

"ބައެއް އެޕިސޯޑްގެ ޑިއުރޭޝަން އުޅޭނެ އޯވާ 45 ޓު 50 މިނިޓްސް އެޕިސޯޑެއްގައި". އައިކިއު ބުންޏެވެ.

މިދާއިރާގައި މަސައްކަތް ކުރުމަށް ދިމާވާ އެންމެ ޗެލެންޖިންގ ކަމެއްގެ ގޮތުގައި އައިކިއު ފާހަގަކޮށްފައި ވަނީ، ގިނަ ބަޔަކަށް މިއީ އަގެއް ހުރި މަސައްކަތަކަށް ނުވުމެވެ. އައިކިއު ބުނީ އުމުރުން 17 އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މަހު މުސާރަ ލިބޭ ވަޒީފާގައި އުޅޭތާ 18 އަހަރު ވެއްޖެ ކަމަށާއި، ނަމަވެސް މިހާރުވެސް އާއިލާއިން ޒިންމާދާރު ވަޒީފާއަކަށް ދިއުމަށް ބުނާ ކަމަށެވެ.

"އެއީ މި މަސައްކަތްތަކަކީ ދިވެހިންގެ ކުރިމަތީ އެއްވެސް އަގެއް ހުރި މަސައްކަތަކަށް ނުވާތީ ދޯ، ކުރީގެ ގިނަ ރައްޓެހިންނާ ދިމާވާ ފަހަރަކުވެސް ވާހަކަ ދައްކާލާނީވެސް، ކޮންމެސް ފިލްމީ ތަރިއަކަށް ޖޯކެއް ޖެހުމުގެ ނިޔަތުގަ، ސަޕޯޓިވް މީހުންވެސް ތިބި، އާއިލާގެ ދެ މެންބަރަކާ ރައްޓެހިންކޮޅަކަށް ވަގުތުވި އޮލިމްޕަސްގަ ބޭއްވި އެހެނަސް ޕްރިމިއަރ ބަލާލަން ދާން، އެއީ އެންމެ އުފާވި އެއްދުވަސް، އެހާ ދުވަސްވަންދެން ބޭނުންވި ކަމެއް ވުމުގެ އިތުރުން ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން އިންވިޓޭޝަން ގަބޫލުކޮށް ޕްރިމިއައަށް އައިސް ދިނީމަ، އާ ބަޔަކު ކުރި މަސައްކަތެއް އެ މީހުން ބަލައިގަތީތީ، ސީޒަން ދޭއްގައި މަސައްކަތް ވެސް މި ނިންމާލީ ހަމަ ދާއިރާގެ ވަރަށް ގިނަ ބައެއްގެ ސަޕޯޓާއެކު، ދެން ދެރަވީ އެ ދުވަހު ވިސްނުނު ފިލްމުތަކުގައި ދައްކައެއްނުން ވަރަށް އުނދަގުލުން ހުވަފެންތައް ހާސިލް ކުރާ މީހުން، އެމީހުންގެ އާއިލާ އަދި ރައްޓެހިން ވެލިއު ކުރާތަން، އެއީ ހަގީގަތުގަ އަސްލު ވާކަމެއް ނޫންކަން". އައިކިއު ބުންޏެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އައިިކިއު

އައިކިއު ބުނީ، އޭނާގެ ވަރަށް ގިނަ ރައްޓެހިން މިހާރުވެސް ކުންފުނިތަކުގެ މަތީ މަގާމުތަކުގައި އެބަތިބި ކަމަށެވެ. އަދި އޭނާ އެފަދަ މަގާމެއްގައި ނުހުންނާތީ އެ ވާހަކަ ދައްކާ ކަމަށް އައިކިއު ބުންޏެވެ.

"އިގްބާލް ކީއްހޭ ތިކުރަނީ އަހަރުން މިއަދު ބަލާބަލާށޭ މިތިބި ހިސާބު، އެމީހުނާ ދިމާލަކަށް ދުވަހަކު ރައްދުގައި އެއްޗެއް ނުބުނަން. އެކަމަކު މިއަދު ބޭނުން ބުނެލަން، އަހަންނަކީ އެއްއިރަކުވެސް މަތީ މަގާމު ނަގައިން މޭޒު ކައިރީ އިންނަން ބޭނުންވި މީހެއް ނޫނޭ، އަހަރެންގެ އޮތޭ ހުވަފެނެއް އަބަދުވެސް، އެއީ މި ދާއިރާގަ މަސައްކަތްތަކެއް ކުރުން، މިއަދު އެކަން ކާމިޔާބު ކުރެވިއްޖެ، އިރާދުކުރެއްވިއްޔާ އެ ބުނާ ވަޒީފާތަކުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭ، އެހެން ބަޔަކު ލޯބި ނުދިނަސް ގައިމު ވެސް މި މަސައްކަތުން މި ދާއިރާގައި އުޅޭ އެންމެންގެ ހެން ވަރަށް ލޯތްބާއި ސަޕޯޓް ލިބޭ، އެއީ ކަމަށް އަހަރެން ގަބޫލުކުރަނީ މަގޭ ކާމިޔާބީއަކީ،" އައިކިއު ބުންޏެވެ.

އައިކިއުގެ މަސައްކަތްތައް ބަލައިގަންނަ އެއް ބައެއްގެ ގޮތުގައި ފިލްމީ ތަރިން ހިމެނޭއިރު، އައިިކިއު ކުރާ ކޮންމެ މަސައްކަތެއްގައި އެންމެ އެހީތެރިވަނީ ވެސް އެ މީހުންނެވެ. އެހެންވެ ގިނަ ބަޔަކު އޭނާއަކީ ފިލްމީ މީހެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އެކަން ވަރަށް ރަނގަޅަށް މީސް މީޑިއާ ބަލާލުމުން އެނގެއެވެ. އޭނާ މީސް މިޑިއާ މެދުވެރިކޮށް ހިއްސާ ކޮންމެ އެއްޗަކަށް އެންމެ ފުރަތަމަ ކޮމެންޓްކޮށް ރިއެކްޓް ކުރަން ތިބެނީ ފިލްމީ ތަރިންނެވެ. އެއީ ޔަގީނުންވެސް އައިކިއުގެ މަސައްކަތަކާއެކު، އައިކިއު އެ މީހުންނާއި އޮންނަ ގާތް ކަމުގެ ސަބަބުން ވާ ކަންކަމެވެ.

އަޒޯނާ ސެޓްގަައި އައިސްގެ ޓީމް

"ދެން ޝުކުރު އަދާކޮށްލަން ވަރަށް ބޭނުން މަންމައަށް، ލޯބިވާ އަންހެނުންނަށް މިހާރު މިހެން މަސައްކަތުގައި އުޅެވެނީ އޭނަގެ އިތުބާރާއި ލޯތްބާއެކު، ދެން އަމީ، ގްރޭޑް 10 އަށް ފަހު ޓީޗަރ އޭކަންނޭނގެ ބުނަންވީ، އައިސްގެ ހުރިހާ ސްޓާފުން، ދެން ބައިސްކޯފަށް ތެންކްސް އެހެނަސްއަށް، އެހެނަސް ޓީމްއަށް، ދެން ފިލްމީ ދާއިރާގެ ހަމަ ހުރިހާ ފަންނާނުންނެއް ކޮންމެ ވަގުތަކު ގުޅާލިއަސް އެވެއިލަބަލްވާތީ އެއީ ގަބޫލުކުރަން އެމީހުން އަހަރެންގެ މަސައްކަތް ވަރަށް އެޕްރިޝިއޭޓް ކުރާތީއޭ، ކަމަކު ބުނެގެން ނޫނެކޭ ވަރަށް ނުބުނޭ ގިނަ ފަންނާނުންނެއް، ފާހަގަކޮށްލަން ދިވެހި އެންޓަޓެއިން އިންޑަސްޓްރީގަ މަސައްކަތް ކުރާ އެންމެނަކީ ވޯކް ކުރި އެހެން ކުންފުނިތަކުން ނުފެންނަހާ ޑެޑިކޭޓެޑް ކަމަށް ކަމޭ ހިތާ ބައެއްކަން. ދެން ކުރިން ބުނިހެން އެ މަދު ރައްޓެހިން ކޮޅަށް މިދާއިރާގަ މަސައްކަތް ކުރިއަސް ލަދު ނުގަންނާތީ ޝުކުރިއްޔާ،"