ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އާނަންދު އަހުޖާގެ ކައިވެންޏަށް ދެތިން ދުވަހަށްވެފައިވާއިރު، އެދެމީހުން ދިރިއުޅޭނެ ގެއެއް ހޯދުމުގެ މަސައްކަތުގައި އުޅެމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އާނަންދުވަނީ ނިއު ޔޯކުން ސޯނަމްއާއި ބައްދަލުކުރުމަށް މުމްބާއީއަށް އައިސް، މުމްބާއީ އެއާޕޯޓުން ބަންޑްރާއަށް ހައުސް ހަންޓިންއަށް ގޮސްފައެވެ.

މިދެމީހުން ގެއެއް ހޯދަން އުޅޭ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ދެމީހުންގެ މޫނު މަތިންވެސް އުފާވެރިކަން ފެނެއެވެ.

https://www.instagram.com/p/BiW9AFBA7iZ/?utm_source=ig_embed

ސޯނަމްއާއި އާނަންދު ދިމާވެފައިވަނީ 2014 ވަނަ އަހަރު ފެޝަން ޑިޒައިނަރެއްގެ ފަރާތުންނެވެ. ދިމާވިތާ މަހެއް ވީތަނާ، އާނަންދު ސޯނަމްއަށް ލޯބި ހުށަހެޅިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އެމީހުންވަނީ އާންމުނަށް އެނގުމަކާ ނުލައި ޑޭޓް ކޮށްފައެވެ.

ކުރިން އާންމުނަށް އެނގުމަކާއި ނުލާ ޑޭޓްކުރަމުންދިޔަ މި ދެމީހުން، އަށެއް މެއިގައި އޮންނަ އެމީހުންގެ ކައިވެނީގެ ޚަބަރު އާންމު ކޮށްފައިވަނީ ފާއިތުވެ ދިޔަ ހަފްތާ ތެރޭގައެވެ.

ކައިވެނީގެ ހަފްލާއަށް މުޅި ކަޕޫރް އާއިލާ ތައްޔާރުވަމުން އަންނަ އިރު، އެކްޓަރު އަރުޖުން ކަޕޫރާއި، ފަރަހް ހާނާއި ޖަންވީ ކަޕޫރް ފަދަ ބައެއް ތަރިން ދަނީ ކައިވެނީގެ ހަފްލާގައި ހުށަހަޅައިދޭ ލަވަތަކުގެ ރިހާސަލްތައް ކުރަމުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސޯނަމްއާއި އާނަންދު އަށްވަނަ ދުވަހު ކައިވެނި ކުރަން ހަމަޖެހިފައިވީ ނަމަވެސް، ހަތްވަނަ ދުވަހުން ފެށިގެން ކައިވެނީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.