ކޮވިޑް-19 ފެތުރު ކޮންޓްރޯލް ކުރުމުގެ ގޮތުން މާސްކު އަޅަން އިރުޝާދު ދީފައިވަނިކޮށް މާސްކު ނާޅާ އެމެރިކަން އެއާލައިންސް އަށް އެރި މީހަކު ފްލައިޓް އިން ބާލުވައިފިއެވެ.

އެމެރިކަން އެއާލައިންސްގެ ސްޕޯކްސްމަން ބުނެފައިވަނީ އޭނާ އަށް ދެން އެކުންފުނީގެ ފްލައިޓްތަކަށް ނޭރޭ ގޮތަށް ހަދާފައިވާ ކަމަށާއި އޭނާއަށް އެ ކުންފުނީގެ ބޯޓަކަށް ދެން އެރޭނީ ކޮވިޑް-19 ނިމި މާސްކު އަޅަން ނުޖެހޭ ހިސާބަށް ދިއުމުން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓްގައެވެ.

އެ އެއާލައިނުން ބުނެފައިވަނީ އެ ފިރިހެން މީހާ ކްރޫއިންގެ އިރުޝާދުތަކަށް ބޯލަނބާފައި ނުވާ ކަމަށެވެ. އެ ބޯޓުގައި 122 މީހުން ތިބިއިރު ހުރިހާ އެންމެން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.

"މިއީ އަހަރުމެންގެ ޒިންމާއެއް ދަތުރު ކުރާ ފަރާތްތަކާއި ކްރޫއިންގެ ސަލާމަތަކީ. އެހެން ކަމުން ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރީ. ދަތުރު ކުރުމުގެ ކުރިން މާސްކު އަޅަން ޖެހޭ. އެހެން ކަމުން ދަތުރު ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޯލަނބަން ޖެހޭނެ. އެގޮތަށް އަމަލު ނުކުރެވޭ ނަމަ ދަތުރު ނުކުރެވޭނެ" އެމެރިކަން އެއާލައިންސްގެ ސްޕޯކްސްމަން ރޮޒް ފެއިންސްޓެއިން ބުންޏެވެ.

ބޯޓން ބޭލުމަށް ކްރޫއިން މަސައްކަތް ކޮށްފައިވާއިރު، އެ ފިރިހެން މީހާ ވަނީ ދަތުރު ކުރާ ފަރާތްތަކުން މާސްކު އެޅުން މަޖުބޫރު ކަމަށް ބުނެ ގާނޫނެއް ނޯންނާނެ ކަމަށް ބުނެ ޒުވާބު ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ޤާނޫނުގައި ނެތަސް އެމީހާގެ ރައްކާތެރިކަމާއި އެހެންމީހުންގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެ.