ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކެޕްޓަން، ލިއޮނަލް މެސީ ޓީމު ދޫކޮށް ދާން އުޅޭ ކަމުގެ އަޑުތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެތުރެން ފަށާފައެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ސުވާލުތައް އިތުރުވެފައި ވަނިކޮށް ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކުން ގެނެސްދިން ރިޕޯޓެއްގައި ވެސް މިކަމަށް ހެކިލިބޭ ވާހަކަތަކެއް ވަނީ ފެންމަތިކޮށްފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މެސީ އަންނަނީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް ނުދަމަހައްޓައި އެހެން ޓީމަކާއި ގުޅެން ތައްޔާރުވަމުންނެވެ. މިގޮތުން މިކަމާއި މެދު މެސީ އާއި އޭނާގެ އާއިލާއިން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެންމެ ފަހުން ބާސެލޯނާ އާއެކު މެސީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ. އެހެންކަމުން ބާސާއިން މަސައްކަތް ކުރަނީ އޭގެ ކުރިން އެއްބަސްވުން އިތުރެ ދެ އަހަރަށް ދެމެހެއްޓުމަށެވެ.

ބާސާގެ އެއްބަސްވުން ނިމުމަކާއި ކައިރިވެފައި ވަނިކޮށް މެސީ އެހެން ޓީމަކަށް ދާން އުޅޭ ކަމުގެ ޚަބަރު ފެތުރިފައި މިވަނީ، ޓީމުގެ ކޯޗް ކަމުން އަރނެސްޓޯ ވަލްވެރޑޭ ވަކި ކުރުމާއި، ސްކޮޑުގެ ކުޅުންތެރިންގެ ފެންވަރާއި މެދު މެސީ ހިތްހަމަނުޖެހިފައި ހުރި ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައި ވެސް މެއެވެ.

ބާސާއިން ވަކިވާން މެސީ އުޅޭކަމުގެ ޚަބަރު ފެތުރެމުންދިޔަ ނަމަވެސް އެކަމާއި ގުޅިގެން މެސީގެ ފަރާތުން އަދި ރަސްމީ ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހު އުމުރުން 33 އަހަރު ފުރުނު މެސީގެ ފުޓުބޯޅަ ކެރިއަރުގައި މިދިޔަ އަންގާރަ ދުވަހާއި ހަމައަށް ވަނީ 700 ގޯލް ކާމިޔާބު ކޮށްފައެވެ. މެސީ މި ކާމިޔާބީ ހޯދިފައި މިވަނީ ފާއިތުވެދިޔަ 15 އަހަރު މުއްދަތުގައެވެ.

މެސީ 700 ވަނަ ގޯލް ޖަހާފައި ވަނީ އަންގާރަ ދުވަހު އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ނަމަވެސް އެ މެޗު ވެސް ނިމުނީ 2-2- ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެސީ މީގެ ކުރިންވެސް ބާސާ ދޫކޮށް ދާން މަސައްކަތް ކޮށްފައި ވެއެވެ. މިގޮތުން އެހެން ޓީމަކަށް ބަދަލުވުމަށް، ޓީމްތަކާއި މަޝްވަރާވެސް ކޮށްފައިވާކަން އޭނާ ކުރިން ވަނީ ހާމަކޮށްފައެވެ.