ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް، އަރަބި ފިލްމުތަކުގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު އެކްޓްރެސް، ރަގާ އަލް ގައްދާވީ މަރުވެއްޖެ އެވެ.

މިސްރަށް ނިސްބަތްވާ ގައްދާވީ މަރުވެފައި ވަނީ، ކޮވިޑް-19 ޖެހިގެން ފަރުވާކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި މިސްރުގެ ވެރިކަންކުރާ ގާހިރާގެ ހޮސްޕިޓަލެއްގައެވެ.

ގައްދާވީގެ އާއިލާއިން މިހާރު މިކަން ނޫސްތަކުގައި ހާމަކޮށްފައި ވާއިރު، އޭނާ އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ މޭއިމަހުގެ ފަހުކޮޅުއެވެ. އެއަށްފަހު އޭނާއަށް ހޮސްޕިޓަލް އައިސޮލޭޝަންގައި ފަރުވާދޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. އޭނާ މަރުވީ ހާލު އިތުރަށް ގޯސްވެ އެގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ކަމަށް ނޫސްތައް ބުނެއެވެ.

ގައްދާވީ ކޮވިޑަށް ފައްސިވެގެން ފަރުވާދޭން ފަށާފައި ވަނީ އޭނާގެ އެންމެ ފަހުން ނެރުނު ސީރީޒްގެ މަސައްކަތް ނިންމާލިތަނާ ހެންނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހިފައި ވަނީ ސީރީޒްގެ ޝޫޓިން ކުރިޔަށްދިޔަ ދުވަސްވަރު ކަމަށް ވަނީ ބެލެވިފައެވެ.

1950 ގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރަންފެށި ގައްދާވީ މިހާތަނަށް 380 އަށްވުރެ ގިނަ ފިލްމު ކުޅެފައި ވެއެވެ. މިއާއެކު އޭނާ ވެފައި ވަނީ މިސްރުގެ އެންމެ މަޤުބޫލު ތަރިންގެ ތެރެއިން ތަރިއަކަށެވެ.

މަރުވިއިރު ގައްދާވީގެ އުމުރަކީ 81 އަހަރެވެ. އޭނާ މަރުވި ޚަބަރާއެކު މިސްރުގެ މަޝްހޫރު މީހުންނާއި އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މީސްމީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.