ދުނިޔޭގެ ތާރީޚްގައި ވެސް ހަށިގަނޑުން ގުޅިފައި ތިއްބާ އެންމެ ގިނަ ދުވަހު ދުނިޔޭގައި ތިބި ދެބެއިން އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ.

ރޮނީ އާއި ޑޮނީ ނަމަކަށް ކިޔާ ދެމީހުންނަކީ އެމެރިކާގެ އޮހާއޯ އަށް ނިސްބަތްވާ ދެމީހުންނެވެ.

އެމީހުން އުފަންވިއިރު ދެބެއިންގެ ބަނޑު ގުޅިފައި ވީނަމަވެސް ކޮންމެ ކުއްޖަކަށް ވެސް ދެއަތާއި ދެފައި ލިބިފައި ވެއެވެ. ދެކުދިން ވެސް އުފަންވީ އިތުރު އެއްވެސް ސިއްހީ މައްސަލައެއް ނެތި، ސިއްހަތު ރަނގަޅު ކުދިންގެ ގޮތުގައެވެ. ނަމަވެސް ދެކުދިންގެ އުމުރުން ހޭދަވި ފުރަތަމަ ދެއަހަރު ދުވަހު ތިބީ ހޮސްޕިޓަލްގައެވެ. އެއީ އެކުދިންގެ ހަށިގަނޑު ވަކިކުރަން ޑޮކްޓަރުން ބަލަން ބޭނުންވި ކަންތައްތައް ބެލުމަށް އެޑްމިޓް ކުރެވިފައެވެ.

ދެއަހަރުގެ ތަހްލީލްތަކަށް ފަހު ޑޮކްޓަރުން ބުނީ ދެކުދިން ވަކިކުރުމުގެ އޮޕަރޭޝަންގެ ތެރޭގައި ދެކުދިން ނުވަތަ ދެކުދިންގެ ތެރެއިން ކޮންމެވެސް އެއް ކުއްޖަކު މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޑޮކްޓަރުން އެހެން ބުނުމުން ދެބެއިންނާއި، ދެބެއިންގެ ބައްޕަ ވެސް އެކުދިން ވަކި ކުރުމުގެ އޮޕަރޭޝަން ކުރާކަށް ބޭނުމެއް ނުވިއެވެ.

ރޮނީ އާއި ޑޮނީގެ ބައްޕަ އޭނާގެ ޑައިރީގައި ލިޔެފައިވާ ގޮތުގައި ރޮނީ އާއި ޑޮނީ އަކީ ހަށިގަނޑުން ގުޅިފައިވާ ދެކުދިން ކަމަށް ވުމުން އެމީހުންގެ މަންމަ ވަނީ އެމީހުން ބަލަން ދެކޮޅު ހަދާފައެވެ. ދެކުދިން ދޫކޮށް ކުދިންގެ މަންމަ ދިއުމުން ކުދިން ބެލުމުގެ މަސައްކަތް ފުރަތަމަ ކުރީ ރޮނީ އާއި ޑޮނީގެ ބައްޕަ އެވެ. ފަހުން އޭނާ އިތުރު ކައިވެންޏެއް ކުރުމުން ރޮނީ އާއި ޑޮނީގެ ކަންކަން ވަރަށް ފުރިހަމައަށް ދޮންމަންމަ ކޮށްދިން ކަމަށް ދެކުދިންގެ ބައްޕަ ލިޔެފައި ވެއެވެ.

ދެބެއިން މަރުވި ސީދާ ސަބަބެއް އަދި މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އެމީހުންނަށް ތަފާތު ސިއްހީ މައްސަލަތައް ދިމާވަމުން އައިކަމަށް މީޑިއާ ގައި ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ލޭ ދައުރުވުމުގެ މައްސަލަތައް ދިމާވުން ފަދަ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ ކުރިން ހަށިގަނޑުން ގުޅިފައި އެންމެ ގިނަ ދުވަހު ދުނިޔޭގައި ތިބުމުގެ ރެކޯޑް އޮތީ ޗައިނާ ދެމީހަކަށެވެ. 1811 ވަނަ އަހަރު އެދެމީހުން މަރުވިއިރު އުމުރަކީ 62 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިހާދަނުލަފާ މަންމަ އެކޭ

    43
    2
  2. އެމަންޖެ

    ދޮންމަންމަ ރަނގަޅެއްނު.

    13