ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމުގެ ބިރަށް އިންޑިއާ މީހަކު އަމިއްލައަށް މަރުވެއްޖެ

އިންޑިއާގެ ހައިދަރް އާބާދްއަށް ނިސްބަތްވާ އުމުރުން 34އަހަރުގެ ފިރިހެނަކު އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމުގެ ބިރަށް އަމިއްލައަށް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކޮވިޑް-19އަށް ޓެސްޓު ނުހެދޭ ކަމަށް ކަމަށް ބުނެ ޕްރައިވެޓް ހޮސްޕިޓަލަކުން އޭނާ ބަލަން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުން ބުނީ ޕުލްތަން ނަަމަކަށް ކިޔާ އެ މީހާ ފުރަތަމަ ދިޔައީ އައްޓަޕޫރްގައި އޭނާ ބަލާ ޑޮކްޓަރު ކައިރިއަށް ކަަމަށެވެ. އޭނާ ކައިރިއަށް ދިއުމުން އެ ޑޮކްޓަރު ވަނީ ކޯޕަރޭޓް ހޮސްޕިޓަލަށް ދައްކަން އެދިފައެެވެ.

އެ ހޮސްޕިޓަލަށް ދިއުމުން، އެ ހޮސްޕިޓަލަށް ޕުލްތަން ވަންނަން ހުއްދަ ނުލިބުނެވެ. އޭނާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކަށް ވެފައި އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ނުވުމުުން، އޭނާ ކައިރީގައި ބުނެފައި ވަނީ ގާންދީ ހޮސްޕިޓަލަށް ދިއުމަށެވެ.

އެހެން ނަމަވެސް ޕުލްތަން އެ ހޮސްޕިޓަލަށް ދާން ބޭނުންނުވިއެވެ.

އަދި މިދިޔަ ހުކުރު ދުވަހު ޕުލްތަން ވަނީ ރަހުމަތްތެރިއެއް ކައިރީގައި، އޭނާއާއެކު ފެންގަނޑެއް ކައިރިއަށް ދިއުމަށް އެދިފައެވެ. އޭނާ ބުނީ، ބޭނުންވަނީ އޭނާއަށް ދިމާވެފައިވާ ނޭވާލުމުގެ މައްސަލައަށް ހައްލެއް ހޯދަން ސާފް ވައި ހޯދުމަށް ކަމަށެވެ.

އޭނާ އެތަނަށް ރަހުމަތްތެރިއަކާއެކު އޮޓޯއެއްގައި ގޮސް، އެ ރަހުމަތްތެރިޔާ އޮޓޯގައި ބޭންދުމަށްފަހު އެ ފެންގަނޑު ތެރެއަށް ފުންމާލާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހަށިގަނޑު އެ ފެންގަނޑު ތެރެއިން ފެނިފައި ވަނީ އާދީއްތަ ދުވަހުއެވެ.

އަދި އޭނާގެ ހަށިގަނޑު ސަހަރާއަށް ނުގެންގޮސް އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ ކޮވިޑް-19 އަށް ހާއްސަކޮށް މީހުން ވަޅުލާ ތަނުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު