މަދިރީގެ ޒަރިއްޔާއިން ކޮވިޑް-19 ނުފެތުރޭކަން ދިރާސާގެ އަލީގައި ފުރަތަމަ ފަހަރަށް ހާމަވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ފުރަތަމަ ފަހަރަށް ކުރެވުނު ދިރާސާއިން ހާމަވެފައިވާ ގޮތުން، އިންފެކްޓުވެފައިވާ މީހެއްގެ ހަށިގަނޑުގައި ޖައްސައި ލޭ ބުއިމަށްފަހު އެނޫން މީހެއްގެ ހަށިގަނޑުގައި ޖެއްސި ނަމަވެސް އޭގެ ފަރާތުން ކޮވިޑް-19 ނުފެތުރެއެވެ.

ދިރާސާގެ އަލީގައި މިކަން ޔަޤީންކުރެވިފައި މިވަނީ، މަދިރީގެ ޒަރިއްޔާއިން ކޮވިޑް ފެތުރުމަކީ ނާދިރު ކަމެއް ކަމަށް މީގެ ކުރިންވެސް ސައިންސްވެރިން ބުނެފައި ވަނިކޮށެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުން އިންފެކްޓުވެފައިވާ މީހެއްގެ ހަށިގަނޑުން އެހެން މީހެއްގެ ހަށިގަނޑަށް މަދިރީގެ ޒަރިއްޔާއިން ކޮވިޑް-19 ނުފެތުރެނީ، މަދިރިއަށް މި ބަލީގެ އަސަރު ނުކުރާތީއެވެ. އެހެންކަމުން މަދިރީގެ ސަބަބުން އިންސާނުންގެ މެދުގައި އިތުރަށް މި ބަލިމަޑުކަން ފެތުރިދިޔުމުގެ ނުރައްކަލެއް ނެތް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ދިރާސާ އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މަދިރީގެ ޒަރިއްޔާއިން ކޮވިޑް-19 ނުފެތުރޭކަމަށް ބުނެފައެވެ. އަދި އެގޮތަށް ނިންމުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މަދިރީގެ ޒަރިއްޔާއިން ކޮވިޑް ނުފެތުރުނު ނަމަވެސް ބައެއް ދިރޭ ތަކެއްޗަށް މި ބަލި ޖެހެއެވެ. ނަމަވެސް އެތަކެތީގެ ފަރާތުން އިންސާނުންނަށް މި ބަލި ޖައްސާ ކަމާއި މެދު ތަޖުރިބަކާރުންގެ މެދުގައި ޚިޔާލު ތަފާތެވެ.

އިންސާނުންގެ އިތުރުން މިނިކާވަގާއި ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތަކަށްވެސް ކޮވިޑް-19 ޖެހޭކަން ކުރިން ހާމަވެފައި ވެއެވެ. އަދި އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށީ އިންފެކްޓުވެފައިވާ ވާލެއްގެ ސަބަބުން ކަމަށް ވެސް ޤަބޫލުކުރެވިފައި ވެއެވެ.