ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ، މި ބަލި ޖެހުނު މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވިއްޖެ އެވެ.

މެސެޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ތަޖުރިބާކާރުން މިކަމާއި ގުޅިގެން ޤައުމަކުން ހޯދި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކުރިޔަށްގެންދިޔަ މި ދިރާސާގައި ބުނެފައި ވަނީ، ޤައުމުތަކުން ފައްސިވީ މީހުންގެ އަސްލު އަދަދު، މިހާރު ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ 12 ގުނަ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިހާރުގެ އަދަދަށް ބަލާނަމަ ދުނިޔެއިން 180 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެދާނެ ކަމަށް މި ދިރާސާއިން ދައްކައެވެ.

ހަމަ އެހެންމެ މި ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު، ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ 50 އިންސައްތަ އިތުރުވާނެ ކަމަށްވެސް ޤަބޫލުކުރެވޭ ކަމަށް އެ އިންސްޓިޓިއުޓުގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން މިގޮތަށް ބުނެފައި ވަނީ 84 ޤައުމަކުން ހޯދާފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ ދިރާސާއެއްގެ އަލީގައެވެ. އެފަރާތްތަކުން މި ދިރާސާ ކުރިޔަށް ގެންދިއުމަށް ޤައުމުތަކުން ކޮވިޑް-19 އަށް ޓެސްޓުކުރާ މިންވަރާއި، އެޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު ދެނެގަނެފައި ވެއެވެ.

މެސެޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދިރާސާވެރިން ޤަބޫލުކުރާ ގޮތުން ކޮވިޑް-19 ޖެހުނު މީހުންނާއި މި ބަލީގައި މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާނެ ކަމަށް ބެލެވެނީ، ގިނަ ބަޔަކަށް މި ބައްޔަށް ޓެސްޓު ނުކުރެވުމާއެކު ބަލި ޖެހިފައިވާކަން ނޭނގޭ އެތައް ބަޔަކު ޤައުމުތަކުގައި ތިބުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔެއިން މިހާތަނަށް މި ބައްޔަށް ޖުމްލަ 15.3 މިލިއަން މީހުން ވަނީ ފައްސިވެފައެވެ. މީގެތެރެއިން 625110 މީހަކު މަރުވެފައިވާ ކަމަށް އެ އިދާރާތަކުން ރިޕޯޓް ކުރާއިރު، ބަލިން ރަނގަޅުވީ 9.3 މިލިއަން މީހުން ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ފެތުރޭ މިންވަރު ދުނިޔޭގައި އިތުރުވަމުން އަންނައިރު، ރެކޯޑް ކުރެވޭ އަދަދަށްވުރެ މި ބަލީގެ ވޭދަނަތަށް (ކޭސްތައް) އެތައް ގުނައެއް އިތުރުވާނެ ކަމަށް މީގެ ކުރިންވެސް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ.