ބައެއް ފަހަރު ބައެއް ކަންތައްތައް ހީކުރާ ގޮތާއި ހިލާފަށް ވެއެވެ.

ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބޮޑެތި ހިތާމަތަކާއި ކުރިމަތިވާއިރު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބޮޑެތި ނުރައްކާތަކުން ސަލާމަތްވެސް ވެއެވެ. މިފަހަރު މިއޮތީ އެފަދަ ގޮތެއް ދިމާވެފައެވެ.

އެމެރިކާގެ އަންހެނެއް ކަމަށްވާ ޖެސީ ޑެކޭ ރޭގަނޑުގެ ކެއުމުގެ ކުރިން ތައްޔާރުވަމުން ދިޔައީ ގޭތެރެ ސާފުކޮށްލުމަށެވެ. އެއްޗެހި ތަރުތީބުކޮށް ކަންކަން ހަމައަކަށް އަޅުވަން ގޭ ތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ފެނުނީ ބަދިގޭގައި އަލިފާން ރޯވެފައި ހުއްޓައެވެ.

އަލިފާން ނިއްވާލަން ކުރި މަސައްކަތުން ކާމިޔާބެއް ނުލިބުނެވެ. ގޭތެރޭގައި ދުން ބޯވެ ނޭވާ ލާން ވެސް އުނދަގޫވިއެވެ. ދެން ޖެސީ ބެލީ ގެއިން އަވަހަށް ނިކުންނާށެވެ. ނަމަވެސް ދޮރު ވެސް ހުޅުވޭ ގޮތެއް ނުވިއެވެ. ފޯނު ހޯދި އިރު ފޯނެއް ވެސް ނުފެނުނެވެ.

ނަމަވެސް ކަން ދިމާކުރި ގޮތުން އޭގެ 15 ވަރަކަށް މިނެޓް ކުރިން އޭނާ ވަނީ ޕިއްޒާ އަކަށް އޯޑަރު ދީފައެވެ.

ޕިއްޒާ ޑެލީވަރީ ކުރާ ޒުވާނާ ޖެސީގެ ގެއަށް އައިސް ބެލް ޖެހީ އެވަގުތުއެވެ. ޖެސީ ވަނީ ދޮރު ނުހުޅުވިގެން އުޅޭ ވާހަކަ އާއި ގޭގައި އަލިފާން ރޯވެފައިވާ ވާހަކަ ޒުވާނާ ކައިރީ ބުނެފައެވެ. އެއާއި އެކު ޒުވާނާގެ މަސައްކަތުން ދޮރު ހަލާކުކޮށްލައިގެން ދޮރު ހުޅުވުނެވެ. އަދި ޖެސީ އަށް ގެއްލުމެއް ނުލިބެނީސް އޭނާ ސަލާމަތް ކުރެވުނެވެ.

ވަގުތުން އަލިފާން ނިއްވާ މީހުންނަށް ގުޅައިގެން އަލިފާން ވެސް ނިއްވާލެވުނެވެ. ނަސީބު ރަނގަޅު ކަމުން އަލިފާން ނިއްވާލެވުނުއިރު ގެއަށް ވެސް މާބޮޑު ގެއްލުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު