ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަށް ދިމާވެވަޑައިގަތް ސިއްޙީ ހާލަތަކާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ކުރި އޮޕަރޭޝަން ކާމިޔާބު ވެފައިވާ ކަމަށް އެޤައުމުގެ ޝާހީ އާއިލާއިން ވިދާޅުވެއްޖެ އެވެ.

ސައުދީގެ ޝާހީ އާއިލާއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރަސްގެފާނަށް ދިމާވެވަޑައިގަތީ މާ ސީރިއަސް ހާލަތެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އޮޕަރޭޝަނަކީވެސް އާދައިގެ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައި ވާއިރު ރަސްގެފާނުގެ ހާލުކޮޅު ރަނގަޅު ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ރަސްގެފާނު ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުވި ސައުދީގެ ރައްޔިތުންނާއި، ޤައުމުތަކުގެ އިސް ލީޑަރުންނަށް ޝުކުރު އަދާކޮށްފައި،" ބަޔާނުގައި ވެއެވެ.

ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ވެރިކަންކުރާ ރިޔާދުގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި އެދުވަހު ރަސްގެފާނު އެޑްމިޓް ކޮށްފައި ވަނީ ގޯލްބްލެޑަރ އިންފްލެމޭޝަން އެއްގެ ސަބަބުން ކަމަށް އޮފިޝަލުން ކުރިން ހާމަކޮށްފައި ވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ސަލްމާން ބިން އަބްދުލް އަޒީޒް ސައުދީގެ ރަސްކަމަށް އިސްކުރެވުނީ 2015 ވަނަ އަހަރު އެވެ.

އުމުރުފުޅުން 84 އަހަރުގެ ސަލްމާން ބިން އަބްދުލް އަޒީޒް ސައުދީގެ ރަސްކަމަށް ވަޑައިގަތުމުގެ ކުރީން، ދެ އަހަރުގެ މުއްދަތަށް ސައުދީގެ ވަލީއަހުދުގެ މަޤާމުގައި ހުންނެވި އެވެ. އަދި ވެރިކަންކުރާ ރިޔާދުގެ ގަވަރުނަރެއްގެ ގޮތުގައި 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    7
    2
    • Anonymous

      ޔަމަނުގެ މައުސޫމު އެތަކެއް ކުޑަކުދިން ތަކެއް މަރަލާފަައިވާ ގާތިލެއް

      • ޒަމީރު

        އެކުދިން މަރަނީ ހޫޘީން