ކެނެޑާގެ އެންމެ ދެކުނުގައިވާ ޕްރޮވިންސް، ބްރިޓިޝް ކޮލަމްބިއާގެ އަވަށްތަކުގެ އައްސޭރިއަށް އިންސާނުންގެ ފައިބުރި ލައްގަމުންދާ މައްސަލައެއް ކެނެޑާގެ ކަމާއި ބެހެ އިދާރާތަކުން ތަހުޤީޤުކުރަން ފަށައިފިއެވެ.

މިދިޔަ ބުދަ ދުވަހުވެސް އެ ސަރަޙައްދުގެ ގެބްރިއޯލާ އައިލޭންޑް ނަމަކަށްކިޔާ ރަށެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ފައިބުރި ލައްގާފައި ވަނިކޮށް ޢާންމު މީހަކަށް ފެނިފައިވާއިރު، މިއީ 2007 ވަނަ އަހަރުން ފެށިގެން މި ސަރަޙައްދަށް ލައްގާފައިވާ 14 ވަނަ ފައިބުރި ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

އޮފިޝަލުންނާއި ޙަވާލާދީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ، މި ފައިބުރިތަކަކީ މީގެ ކުރިން ހިނގާފައިވާ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ނުވަތަ ފްލައިޓެއް ވެއްޓި ނުވަތަ ބޯޓެއް ކަނޑުވެ ހިނގާފައިވާ ހާދިސާއެއްގައި މަރުވި މީހުންގެ ފައިބުރިތަކެއް ކަމުގައި ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ގޮނޑުދޮށްތަކުން ފެންނަމުންދަނީ ހަމައެކަނި ފައިބުރި ކަމަށްވާއިރު، އެކަމާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދެއެވެ.

ބައެއް ޢާންމު ފަރާތްތަކުން ބުނާގޮތުގައި މިކަމަކީ، ރަހުމުކުޑަ މީހެއް ނުވަތަ ބައެއް ފަހަތުގައި ތިބެގެން ލާއިންސާނީ ޢަމަލެއް ހިންގަމުންދާކަމުގެ ހެއްކެއް ކަމަށާއި، މިއީ ގުދުރަތީ ހާދިސާއެއްގައި ނުވަތަ އެނޫންވެސް އެފަދަ ހާދިސާއެއްގައި މަރުވެފައިވާ ބައެއް ނަމަ، ހަށިގަނޑުގެ އެހެން ބައިތައްވެސް ފެންނާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ގެބްރިއޯލާ އައިލޭންޑްގެ ގޮނޑުދޮށުން ފައިބުރެއް ފެނުނުއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު ވެންކޯވާ އައިލޭންޑްގެ ގޮނޑުދޮށުންވެސް ފައިބުރިއެއް ފެނުނެވެ. އެފަހަރު ކުރިއަށްގެންދިޔަ ތަހުޤީޤުން އެނގުނުގޮތުގައި އެ ފައިބުރިއަކީ އެމެރިކާގެ ވޮޝިންޓަނުން ގެއްލުނު މީހެއްގެ ފައިބުރި ކަމެވެ.

ކެނެޑާގެ ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ފޮރެންސިކް ޓީމަކުން ޚާއްސަ ތަހުޤީޤެއް ކުރިއަށްގެންދާއިރު، ބްރިޓިޝް ކޮލަމްބިއާގެ އައްސޭރީގެ ސަރަޙައްދުތައް ބަލައި ހޯދުމުގެ މަސައްކަތްވެސް އިދާރާތަކުން ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުބުހާނަﷲ..