ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާކޮށް، ބަލިން ރަނގަޅުވެފައިވާ ބައެއް މީހުންގެ ކަންފަތަށް ގެއްލުން ލިބޭ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެފަރާތްތަކުން ކުރިޔަށްގެންދިޔަ ދިރާސާއަކުން ހާމަވެފައިވާ ގޮތުން، ކޮވިޑްގެ ބަލިން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކުރާތާ އަށް ހަފްތާއަށްވުރެ ގިނަ ދުވަސް ވާއިރުވެސް ބައެއް މީހުންނަށް ރަނގަޅަށް އަޑު ނީވުމުގެ މައްސަލަތަކާއި ދިމާވަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އިން ރަނގަޅުވެފައިވާ ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން އެނގިފައިވާގޮތުން، ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް އަޑު އިވުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މިގޮތުން އެކި މީހުންނަށް މި މައްސަލަ ދިމާވާ މިންވަރު ތަފާތުކަންވެސް ދިރާސާއިން ހާމަވެފައި ވެއެވެ.

ނުރައްކާތެރި ވައިރަސްގެ ސަބަބުން ޖެހޭ އެހެން ބަލިތަކަށް ފަރުވާކުރާ މީހުންނަށްވެސް މީގެ ކުރިން މިފަދަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިގޮތަށް ދިމާވަނީ ވައިރަސްގެ ސަބަބުން ސިކުނޑިއަށް މަޢުލޫމާތު ފޯރުކޮށްދޭ ނާރުތަކަށް ގެއްލުން ލިބޭތީ ކަމަށް ވެއެވެ.

ކޮވިޑް-19 ޖެހުނު ގިނަ ބަޔަކަށް މި މައްސަލަ ކުރިމަތިވިނަމަވެސް މިއީ ސީދާ މި ބައްޔާއި ގުޅުންހުރި ކަމެއްކަން ޔަޤީންކުރުމަށް އިތުރު ހޯދުންތައް ހޯދަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު